ޑރ. މުހައްމަދު މުއިއްޒު

ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.

ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

މީގެ ކުރިން ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު އެވެ. ނަމަވެސް އޭރުގެ ދެންނެވުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބާތިލުކޮށް، ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއް ނޫން ކަމުގައި ރައީސް މުއިއްޒު ނިންމެވި އެވެ.

ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ވަނީ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށް ހަމަޖެއްސެވުމާ ގުޅިގެން، ޖެނުއަރީ 18، 2024 ގެ ދެންނެވުން ބާތިލުކޮށްފައިވާ ކަމަށެވެ.