ރިޔާސީ ބަޔާން

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ދުވަހެއް ނޫން ކަމަށް ނިންމަވައިފި

ރައްޔިތުންގެ މަޖިލިސް އާ އަހަރަށް ހުޅުވުމަށް ޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު އެވެ. ނަމަވެސް އޭރުގެ ދެންނެވުން މިއަދު ބާތިލްކުރައްވާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ބަންދު ނޫން ދުވެހެއް ކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.

ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ.