ދައުލަތުގެ ދިފާއީ ވަކީލުންގެ އޮފީހެއް "ޕަބްލިކް ޑިފެންޑާސް އޮފީސް"ގެ ނަމުގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ލިބޭ މިންވަރު މިހާރަށް ވުރެ އިތުރުކުރަންޖެހޭ ކަމަށެވެ.
އެކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެއްލެވިއިރު ކުރިއަރާފައިވާ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި "ޕަބްލިކް ޑިފެންޑާސް އޮފީސް"ގެ ނަމުގައި ދައުލަތުގެ ދިފާޢީ ވަކީލުންގެ އޮފީހެއް ގާއިމުކޮށްފައި ހުންނަ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި އަމިއްލައަށް ވަކީލުން ނެގުމުގެ މާލީ ތަނަވަސްކަން ނެތް މީހުންނަށް ދިފާއީ ވަކީލުން ހަމަޖައްސައިދެނީ މި އޮފީހުން. މިނިޒާމު ބައްޓަންކުރަން ޖެހޭނީ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވަކީލެއްގެ އެހީތެރިކަން ލިބޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކޮށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދޭނެ އަދި އެކަމަށް ތަޚްސީސް ވެގެން ތިބޭނެ ވަކީލުންތަކެއް އުފެއްދިއްޖެނަމަ ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން އަޅުގަނޑު ގަސްދުކުރަނީ މިއަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާ ބެހޭ ހާއްސަ ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ނިޒާމު ގާއިމުކޮށްދޭން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.