ރައީސް އޮފީސް

ފާޑު ކިޔާ މީހުން ހޯދާކަށް ނާންގާ: އައްބާސް

ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔާ މީހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް އައްބާސް ޝަރީފަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ވަނީ ސަރުކާރަށް ފާޑުކިޔާ މީހުން ހޯދަން އަންގާފައިވާ ކަމަށް އައްބާސް ރައްޓެހިން ގާތު ވިދާޅުވަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ތުހުމަތުތަކަށް ރައްދު ދެއްވާ އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އައްބާސް ވިދާޅުވި ގޮތުގައި އޭނާ ބަޔަކާ ހިއްސާކުރި ކަމަށް ބުނެ ދައްކަމުންދަނީ ހަދަހަދައިގެން ފަތުވާ ވާހަކައެކެވެ. އަދި ސަރުކާރަށް ފާޑުކިޔާ މީހުން ހޯދަން އަންގާފައިނުވާ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

"އެފަދަ އިރުޝާދެއް އަޅުގަނޑަށް އަދި އެހެން މީހަކަށްވެސް އަޅުގަނޑަށް އެނގިގެން އަންގާފައިނުވޭ،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވަނީ ރައީސް އޮފީހުގައި އޭނާ ކުރައްވާ މަސައްކަތާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ރައީސް މުއިއްޒުއާ ކުރައްވާ މުއާމަލާތްތައް އެއްވެސް މީހަކާ ހިއްސާކޮށްފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އައްބާށް ވަނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި އަދި ލޯޔަރެއްގެ ގޮތުގައި ނަޒާހަތްތެރިކަން ހިފަހައްޓާނެ ކަމަށް ވިދާޅުވެފަ އެެވެ.