ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއި ކުރައްވައިފި އެވެ.
ޕީއެންސީގެ އޮފީހުގައި މިރޭ އޮތް ރަސްމިއްޔާތެއްގައި ރަމީޒުގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މިރަސްމިއްޔާތުގައި ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އާދަމް ރަމީޒަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދީފައިވަނިކޮށް ރައީސް މުއިއްޒަށް އެ ޓިކެޓް ހޯދައިދިނުމަށް ސިއްރިޔާތުގައި އެންމެ އިސްކޮށް މަސައްކަތްކޮށްދެއްވި ބޭފުޅާ ކަމަށް ތުހުމަތު އޮންނަ ބޭފުޅެކެވެ.
މިތުހުމަތާ އެކު އާދަމް ރަމީޒުގެ މައްސަލައެއްވެސް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބެލި އެވެ. ނަމަވެސް ކޮމިޓީގެ ނިންމި ގޮތް އިއުލާންކުރުމުގެ ކުރިން ރަމީޒު ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ.
ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި އާދަމް ރަމީޒް ރައީސް އޮފީހުގެ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހުންނެވީ މާލެ ސިޓީ ކައުންސިލްގައި މެދުހެންވޭރު ދާއިރާގެ ކައުންސިލަރުގެ ގޮތުގައެވެ. ރަމީޒު އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށެވެ.
ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި އުޅުއްވީވެސް ރަމީޒު އެވެ.