އެއްބައިވަންތަކަމުގެ ދުވަސް

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރަނީ

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމަށް ސަރުކާރު މުވައްޒަފުން މިރޭ ފަތިހު ފަތިސްނަމާދު ބޑު ޖަމާއަތުގައި ކުރަން ނިންމައިފި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް މިއަދު ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ މިރޭ ފަތިސްނަމާދު ޖަމާއަތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދިފަ އެވެ.

ސާކިއުލާގައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައިވެސް ކޮންމެވެސް އެއް މިސްކިތެއްގައި ބޮޑު ޖަމާއަތުގައި ފަތިސްނަމާދު ކުރުމަށް އެދިފަ އެވެ. އެގޮތުން މާލޭގައި ސަލްމާން މިސްކިތުގައި، ހުޅުމާލޭގައި މަސްޖިދުލް އަލްސާނީ މިސްކިތުގައި އަދި ވިލިމާލޭގައި މަސްޖިދުލް ބިއްރުގައި ބޮޑު ޖަމާއަތުގައި ފަތިސް ނަމާދުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސުނާމީ އައި ކަމަށް ރެކޯޑް ކުރެވިފައިވާ ވަގުތު -- ހެނދުނު 9:23 ގައި ސަރުކާރުގެ އޮފީސްތަކުގެ ކުރިމަތީގައި މާދަމާ ހެނދުނު ސުކޫތެއް ގެނައުމަށް ވަނީ ހަމަޖައްސާފަ އެވެ.

މާދަމާ ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފަތިސް ނަމާދު ބޮޑު ޖަމާއާތުގައި ކުރަން ސަރުކާރުން ނިންމައިފި އެވެ. މިސްކޫތުގެ ކައުންޓްޑައުން ޓީވީއާއި ރޭޑިއޯ ގެނެސްދިނުމަށްވެސް ހަމަޖައްސާފައިވެ އެވެ.

ސުނާމީ ކާރިސާއަށް މާދަމާ 19 އަހަރު ފުރޭއިރު ރާއްޖެއިން 82 މީހަކު މަރުވެ 26 މީހަކު ގެއްލުނެވެ.

ސުނާމީ ކާރިސާ އާއި ގުޅުވައި އެއްބައިވަންތަކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.