ރައީސް އޮފީސް

ކާރިސާތަކުން ލިބޭ ގެއްލުމުން ރައްކާތެރިވުމުގެ ސްޓްރެޓަޖީ ފާސްކޮށްފި

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރަން ކަނޑައެޅި ހަ އަހަރުގެ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ ފާސްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސަތު ބަލަހައްޓަވާ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުން، "މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030" ފާސްކުރީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިސްޓްރެޓަޖީގެ މައިގަނޑު މަގުސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމާއި، ކާރިސާތަކަށް ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމެވެ.

މި ސްޓްރެޓަޖީ ތަސްދީގު ކުރުމުގެ ސަބަބުން ގުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މިދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިފަދަ ސްޓްޓެޖީއެއް އެކުލަވާލައި ޑިޒާސްޓާ މެނޭޖްމަންޓް ކައުންސިލުން ފާސްކުރަން ނިންމީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުން، މިފަދަ ސްޓްރެޓަޖީއެއްގެ ސަބަބުން މިކަންކަމަށް ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުސަތު އިތުރުކުރެވިދާނެތީ އެވެ.

މޯލްޑިވްސް ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ ފާސްކޮށްފައިވާއިރު 2030 ވަނަ އަހަރު އައުމުގެ ކުރިން ގައުމުތަކުގައި ޑިޒާސްޓާ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެ ކަމަށް ސެންޑައި ފްރޭމްވޯކް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަން (2015-2030) ގައި ބަޔާންކޮށްފައިވާ ހަތް ލަނޑުދަނޑީގެ ތެރެއިން ލަނޑުދަނޑި ފަހެއްގައި ހިމަނާފައިވެ އެވެ.

ޑިޒާސްޓާ ރިސްކް ރިޑަކްޝަން 2015-2030 ގެ ސެންޑައި ފްރޭމްވޯކް ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު ޖަޕާނުގެ ސެންޑައިގައި ބޭއްވި އދ.ގެ ތިންވަނަ ވޯލްޑް ކޮންފަރެންސްގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖެއަކީ ޑިޒާސްޓާ ރިސްކް ރިޑަކްޝަންގެ މަސައްކަތާއި، ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނަށް ކުރެވެންހުރި މަސައްކަތްތައް ގުޅުވާލައިގެން މިފަދަ ސްޓްރެޓެޖީއެއް ނެރެފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.