އަންނަ ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ނުވަތަ ޑަބްލިއުޑީސީ ތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ. ދަނގެތީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައިވާ ބޭއިންސާފެއް ތަހއްމަލކުރަމުންދާ ކޮމެޓީތަކެއް ކަމަށެވެ. ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެ ކޮމެޓީތަކުގެ ޝަކުވާތައް އަޑުއެއްސެވި ނަމަވެސް އެކަމަށް ހައްލެއް ގެނައުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައި ހުރި ކަަމަށް ވިދާޅުވި އެވެ.
"ވޭތުވެދިޔަ ދުވަސްތައް ހޭދަކުރީ ކަމާ ގުޅުންހުރި ލަފާ ހޯދައި ދިރާސާތައް ކުރުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުތު ހަމަވާ ބައެއް ކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށާއި، ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ދެން އޮންނަ ދައުރުގެ މަސައްކަތް ފެށުމާއެކު ހުށަހަޅުއްވާނޭ ކަމަށްވެސް އިއުލާންކުރެއްވި އެވެ.
"އެ އިސްލާހުތައް ގެނެސް އަންނަ ރަމަޟާން މަހު އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެވެން ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މިއަދު ތަސްދީގު ކުރެއްވި ބޭރު ފައިސާއާ ބެހޭ ބިލާ ގުޅެގޮތުންވެސް ވާހަަކަދައްކަވާފަ އެވެ. އެގޮތުން މި ބިލަށް އަމަލީ ސިފައެއް އައިސް، މި ބިލްގައިވާ ގޮތަށް ޑޮލަރު މާރުކުރެވެން ފެށުމުން، ކްރެޑިޓް ކާޑު ލިމިޓް ޑަބަލްކުރެވުން ފަދަ ފައިދާތައް އާންމު ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ލޯކަލް ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ކުރަމުންދާ ފަންނީ މަސައްކަތްތައް ނިމުނުހާ އަވަހަށް މަޖިލީހަށް ހުށަހަޅައި، ފަތުރުވެރިކަމުން ލިބޭ ޓެކްސް ސީދާ ކައުންސިލްތަކަށް ލިބޭނޭ މަގު ފަހިވެ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން އިތުރަށް ލިބޭނޭ މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފަ އެވެ.