ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅުން ވަޑައިނުގެންނެވި ހުރި ރަށްތަކަށް ޒިޔާރަތްކުރައްވައި އަދި ބައްދަލުނުކުރެއްވި ހުރި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވެ އެވެ.
އެމަނިކުފާނު ވަނީ މިދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވިދާޅުވެދެއްވާފަ އެވެ. އަދި ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ހިއްސާކުރައްވާފައިވެ އެވެ.
މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް މުހިންމު މައުލޫމާތު ތަކެއް ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ. އެގޮތުން މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އޮތް ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދައި ދިނުންކަން ތަކުރާރުކޮށް ވިދާޅުވި އެވެ.
އެއަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރިއަށް ގެންދާ ކަންކަމުގެ ތެރޭގައި ހިމެނޭ ހިޔާވެހި ފައިނޭންސިން ޕްރޮގްރާމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުސަތެއް ކަމަށާއި، މި ފުރުސަތުގެ ބޭނުން ހުރިހާ ރައްޔިތުންވެސް ހިފުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. އަދި ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތި ދުވަސްތަކެއް ކަމަށް ފާހަގަކުރައްވައި ސަރުކާރުގެ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކުރުން ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށައި އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ އިގްތިސާދު ވެއްޓިފައި އޮތް ހާލަތުން ސަލާމަތްކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށް މި ސަރުކާރުން ކުރަަމުންދާ މުހިއްމު މަސައްކަތްތަކުގެ މައުލޫމާތުވެސް މިދަތުރުފުޅުގައި ރައީސް ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދާ އެއްގޮތައް ކުރައްވަމުން ގެންދަވާ، ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.