ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި ސަރުކާރު އޮފީސްތަކުގެ ކުރިމަތީގައި އެ އިދާރާތަކުގެ މުވައްޒަފުން ސްކޫތެއް ގެނެސްފި އެވެ.
ރާއްޖޭގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ކޮންމެ އަހަރެއްގެ ޑިސެމްބަރު 26 ވަނަ ދުވަހު ފާހަގަކުރަނީ ޑިސެމްބަރު 26، 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ މަތިވެރި ރަމްޒެއްގެ ގޮތުގައެވެ.
ސުނާމީ އައި ކަމަށް ރެކޯޑް ކުރެވިފައިވާ ވަގުތު -- ހެނދުނު 9:23 ގައި މިއަދު ގެނައި އެއް މިނެޓްގެ ސްކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނާއި އާންމު މުވައްޒަފުންވެސް ބައިވެރިވި އެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގެ ރަށްތަކުގައިވެސް ސްކޫތުގެ ވަގުތުކޮޅަށް މުވައްޒަފުން އޮފީސްތަކުގެ ބޭރަށް ނިކުމެފައިވެ އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް މިއަހަރު އިންތިޒާމު ކުރީ ދިވެހި ލެންގުއޭޖު، ކަލްޗަ އެންޑް ހެރިޓޭޖު މިނިސްޓްރީންނެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ދިވެހިންނަކީ އެއް އާއިލާއެއް ކަމަށާއި ދިވެހިންގެ އެއްބައިވަންތަކަން ބީވިޔަ ދީގެން ނުވާނެ ކަމަށެވެ.
ދިވެހިންގެ ތާރީހާއި ސަގާފަތް ހިފެހެއްޓުމަށްޓަކައި އަބަދުވެސް އެއްބައެއްގެ ގޮތުގައި ދިވެހިން ތިބުން މުހިއްމު ކަމުގައިވެސް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ހަރަކާތްތައް މިއަދު ފެށީ ސަރުކާރު މުވައްޒަފުން ބޮޑު ޖަމާއަތުގައި ފަތިސްނަމާދު ކުރުމަށްފަހު އެވެ.