އިސްލާމީ އަޚްވަންތަކަމާއި ދިވެހި ސަގާފީ އާދަތައް ފުނޑުފުނޑުވެގެން ދިއުމަށް ފުރުސަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ރައީސް މިކަމަށް އެދިވަޑައިގަތީ މިރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ދެއްްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ ފިލާވަޅަކީ އެންމެން އެކުގައި އިސްލާމްދީނުގައި ސާބިތުވެތިބުމުގެ ފިލާވަޅު ކަމަށެވެ. އިސްލާމްދީނުގައި އެއްބައިވަންތަކަމާއެކު ތިބެވުމަކީ ދިވެހިންނަށް ދެއްވާފައިވާ މަތިވެރި ނިއުމަތެއްކަން ހަނދާން ކޮށްދެއްވަމުން ރައީސް ވަނީ ބައިބައިވުމާއި އިސްލާމީ އަޚްވަންތަކަން ފުނޑުފުނޑުވެގެން ދިއުމަށް ފުރުސަތު ނުދެއްވުމަށް އެދިވަޑައިގެންފަ އެވެ.
"އެއްބައިވަންތަ ވެވޭނެ ހުރިހައި ސިފަތަކެއް، އޯގާވަންތަ ﷲ ދިވެހީންނަށް ވަދީއަތްކުރައްވާފައިވޭ. އެއްދީނަކުން ހިދާޔަތު ލިބިފައިވުމުގެ ނަސީބު. އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު. އެއް އަކުރަކުން ލިޔެކިޔައި އުޅުމުގެ އުފާ. އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން. ހަމަ އެހެންމެ، އެއްސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން،" ދިވެހިންގެ އެއްގޮތް ސިފަތައް އެއީ ދިވެހިންނަށް ލިބިފައިވާ ނިއުމަތްތަކެއް ކަމަށް ސިފަކުރައްވާ ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސުނާމީ ކާރިސާގެ ތެރޭގައި އަދި އެ ކާރިސާއާ ގުޅިގެން އެކި ރަށްރަށަށް ހިޖުރަކުރި މީހުންނަށް އެހީތެރިވުމުގައި ދިވެހިންނަކީ އެއްބައިވަންތަ އަދި އެއްބައެއްކަން ދައްކުވައިދިން ނަމޫނާ ބައެއް ކަމަށެވެ. އެ ހުރިހާ ކަމެއް ބުނެދީ ރަމްޒުކޮށްދެނީ ދިވެހިންގެ އެއްބައިވަންތަކަން ކަމަށާއި ދިވެހިންނަށް ލިބިފައިވާ މި ނަސީބާއި ނިއުމަތްތައް ދަމަހައްޓަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
"އެއް އަކުރަކުން ލިޔެކިޔައި އުޅުމުގެ އުފާ. އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައިވުމުގެ އަމާންކަން. ހަމަ އެހެންމެ އެއްސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން. ދިވެހީން އެއްބައިވަންތަ ކުރުވީ މި އެއްގޮތްވަންތަކަން. މީ އެއް ގައުމެއް. އެއް ބައެއް" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސުނާމީ ކާރިސާއަށްފަހު އަލުން ބައެއް ރަށްތައް ބިނާކުރުމުގައި "ސޭފް އައިލެންޑް ކޮންސެޕްޓް" ބޭނުންކުރަން ފެށި ކަމަށާއި މިސަރުކާރުން ފަށާފައިވާ ރަސްމާލެ މަޝްރޫއަކީ ވެސް އެ ކޮންސެޕްޓަށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށެވެ. މިގޮތަށް ސިޓީތައް ބިނާކުރުމުގެ ބޭނުމަކީ ރައްޔިތުންގެ މުދަލާއި ގެދޮރާއި ފުރާނަ ސަލާމަތް ކޮށްދިނުން ކަމަށާއި ރަށުގެ ފަސްގަނޑު ވަކި ވަރަކަށް އުސްކޮށް، އޮޔާއި ވައިގެ ދައުރުވުމަށް ބަލައި ބަނދަރުތަކާއި ތޮށިގަނޑުތައް ލެވެނީ އެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް ގުރުއާންގެ އާޔަތެއްގެ މާނަ ވިދާޅުވުމަށްފަހު ރައީސް ވިދާޅުވީ ހަގީގީ ސަލާމަތްތެރިކަން އޮތީ ﷲގެ ދީނުގައި ހިފަހައްޓައިގެން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ގައުމެއްގެ މިސާލު ފެންނަނީ އާއިލާއެއްގެ މިސާލުންނެވެ.
"އާއިލާއަކުން އަބަދު ވެސް އެ މީހުންގެ ގޯތި ގެދޮރާއި މުދަލުގެ ސަލާމަތާ މެދު ވިސްނާ. ގައުމެއް އެ ގައުމެއްގެ ބިމާއި މީހުންގެ ސަލާމަތާ މެދު ވިސްނާ. އާއިލާއެއް އަބަދުވެސް ގޭތެރޭގެ ހަމަޖެހުމާއި ކުލުނާއި ލޯބި އިތުރުވާނެ ގޮތަށް ކަންކަން ކުރޭ. ގައުމެއްގައި ވެސް އެ ސިފަ އޮންނަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
މިޖަލްސާގައި ގައުމީ ދިދައަށް އިހްތިރާމު އަދާކުރުމުގެ ގޮތުން ގައުމީ ދިދައަށް އިއްޒަތް އެރުވުންވެސް އޮތެވެ. ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.