ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ރާއްޖޭގެ 100 ރަށަކަށް ވަޑައިގަތުމަށް އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ހާއްސަ ޕްރޮގްރާމުގައި އަނބިކަނބަލުންނާ އެކު ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެފައިވާނެ ކަމަށެވެ.
"އެކަމަކުވެސް އެ ވައުދުތައް އިރާދަކުރެއްވިއްޔާ ފުއްދާނަން،" މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ތ. ގުރައިދޫއަށް ވަޑައިގަތުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށްވާތީ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު އެމަނިކުފާނަށް ލިބިވަޑައިގެންނެވި ތ. އަތޮޅު ގުރައިދޫއަށް ކަމަށެވެ.
"އެ ރަށަށް ދިއުމަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ދިއުމަކީވެސް އަމާޒެއް. އެގޮތުން އަޅުގަނޑު އުއްމީދުކުރަނީ އަންނަ ރަމަޟާން މަހުގެ ކުރިން 100 އެއްހާ ރަށަށް ދިއުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަދުވެގެން ދެ ފަހަރު ކޮންމެ ރަށަކަށްވެސް ދަތުރުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މި ޕްރޮގްރާމުގައި އާންމުންގެ ފަރާތުން ގުޅުއްވި ބައެއް ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒުގެ ސްކޫލު ދައުރުގެ ޓީޗަރެއް ކަމުގައިވާ އައްޝައިޚް ޝުއައިބު އަބުދުއްރަޙްމާން ހިމެނެ އެވެ. އޭނާ ރައީސްގެ ކިބައިންގެ އެދިވަޑައިގަތީ ވެރިކަމަކީ އުފަލެއް ކަމުގައި ދެކެވަޑައިނުގެން ރައްޔިތުންގެ ހިދުމަތުގައި މަސައްކަތް ކުރެއްވުމަށެވެ. އަދި ރައްޔިތުންނާއި ގުޅޭ ކަންކަން ނިންމެވުމުގައި އެތައް ހާސްފަހަރު ވިސްނެވުމަށް ފަހު ނޫނީ ގޮތެއް ނުނިންމެވުމަށްވެސް ނަސޭހަތްތެރިވި އެވެ.
ޝުއައިބުގެ ނަސޭހަތަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުވެސް ވިސްނުން ހުރީ ޝުއައިބް ދެއްވި ނަސޭހަތާ އެއްގޮތަށް ކަމަށެވެ. ވެރިކަމަކީ ޒިންމާއެއްގެ އިތުރުން އަމާނާތެއްގެ ގޮތުގައި އަބަދުވެސް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސްގެ ޝަހްސިއްޔަތާ ގުޅޭގޮތުން ޝުއައިބް ވިދާޅުވީ ރައީސް މުއިއްޒަކީ ސްކޫލު ދައުރުގައިވެސް އެހެން ކުދިންނާ ހިލާފަށް މަޑުމައިތިރިކަމަށް ލޯބިކުރެއްވި އަދި އަހްލާގު ރަނގަޅު ހިތްހެޔޮ ދަރިވަރެއް ކަމަށެވެ.
މި ޕްރޮގްރާމުގައި ރައީސްގެ ދެކަނބަލުން ވަނީ އަމިއްލަފުޅު ދިރިއުޅުމާ ގުޅޭގޮތުންވެސް ބައެއް ވާހަކަފުޅު ދައްކަވާފަ އެވެ. އަދި އެ ދެކަނބަލުންގެ ބައެއް އަރިސް ބޭފުޅުންނާއި އާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުސަތު ދިން ފަރާތްތަކާވެސް ރައީސްގެ ދެކަނބަލުން ޕްރޮގްރާމުގެ ތެރެއިން ހިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.