ޑރ. މުހައްމަދު މުއިއްޒު

ރައީސް، އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފި

މިލާދީ އާ އަހަރުގެ ހެޔޮ އެދުންތައް ރައީސުލޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

ރައީސް މުއިއްޒު ގައުމުތަކުގެ ވެރިންނަށް ފޮނުއްވި މެސެޖުގައި އާ އަހަރުގެ މުނާސަބަތުގައި އެ ގައުމުތަކުގެ ވެރިންނަށާއި، އެ ގައުމުތަކުގެ ސަރުކާރަށާއި، ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ. އަދި ކޮންމެ ގައުމެއްގެ ރައްޔިތުންނަށްވެސް މިފެށޭ އާ އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވުމަށް އެދިވަޑައިގެންފައިވެ އެވެ. މި ފެށިގެންދިޔަ އާ އަހަރު އެ ގައުމުތަކާއި ދިވެހިރާއްޖެއާއި އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއް ގައުމުން އަނެއް ގައުމަށްދޭ އެއްބާރުލުން އިތުރުވެގެން ދިއުމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒު ވަނީ އާ އަހަރުގެ ތަހުނިޔާގެ މެސެޖު ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުގެ ވެރިންނަށްވެސް ފޮނުއްވާފަ އެވެ. އެގޮތުން އދ، ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޯ ރީޖަނަލް ކޯޕޮރޭޝަން (ސާކް) އަދި ކޮމަންވެލްތް ފަދަ ޖަމިއްޔާތަކުގެ ވެރިން ހިމެނެ އެވެ.

ވަކިވަކިން ފޮނުއްވާފައިވާ ތަހުނިޔާގެ މެސެޖުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށާއި ދުނިޔޭގެ ހާލަތު ރަނގަޅު ކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައިވެ އެވެ.