ދިވެހިރާއްޖޭގައި ވަގުފްތައް އިތުރުކުރުމަށްޓަކައި އިތުރު ވަގުފް އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ކެބިނެޓްގެ މައުލޫމާތުތައް ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅި ކަރުދާހަށް ވަޒީރުން މަޝްވަރާކުރުމަށްފަހު ރާއްޖޭގައި ވަގްފުތައް އިތުރުކޮށް، ލިބޭ އާމްދަނީން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރު ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އިތުރު ވަގުފް އިމާރާތެއް އެޅުމަށް ބިމެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިވާ ކަމަށެވެ.
"އެ މިނިސްޓްރީން އެދިފައިވަނީ ބިހުރޯޒް ކަމަނާ މިސްކިތާ އިންވެގެން އޮތް އިސްލާމިކް މިނިސްޓްރީގެ ގުދަން އިމާރާތް ދިނުމަށް" ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް ކެބިނެޓްގައި މަޝްވަރާ ކުރެވިގެން ދިޔައީ މި މިސްކިތަކީ ތާރީހީ މިސްކިތަކަށްވެފައި، ތާރީހާއި ސަގާފަތް ދިރުވައި އާލާކުރުމަކީ ވަރަށް މުހިއްމު އަމާޒަކަށްވާތީ އެ ބިމުގެ ބަދަލުގައި އެހެން ބިމެއް ވަގުފް އިމާރާތް އެޅުމަށް ދޭން ނިންމުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިތަން އެޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"މިތަން އަޅަން ވަކި ބިމެއް އަދި ހަމަ ޖައްސަވާފައެއް ނުވޭ،" ނާޒިމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފަރާތްތަކާއި ވަގުފް އިމާރާތްތައް އަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ހުޅުވާލާފަ އެވެ.
ވަގުފް އިމާރާތެއްގެ މިވަގުތު ރާއްޖޭގައި ހުރި ހަމައެކަނި އިމާރާތަކީ މަޖިީދީ މަގުގައި މާފަންނު މަދަރުސާ އާއި އިންވެގެން ހުރި އިމާރާތެވެ.