އިލެކްޝަންސް ކޮމިޝަން

މަޖިލިސް އިންތިހާބުގެ ތާރީހް އާދިއްތަ ދުވަހު އިއުލާން ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު އަންނަ އާދިއްތަ ދުވަހު އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހެއް އަންނަ އާދިއްތަ ދުވަހު އިއުލާންކުރަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

"އެކަމާ ގުޅޭ މަޝްވަރާތައް އަދި ތައްޔާރީތައް ކޮމިޝަނުން މިދަނީ ވަމުން،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހަފުތާގައި ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާންމުކުރަންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ރޯދަ މަހުގެ ކުރިން ބޭއްވޭނެ ގޮތެއް އޮތްތޯ ބެލުަށް އިލެކްޝަންސް ކޮމިޝަނުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި އެވެ. ނަމަވެސް ކޮމިޓީން ވަނީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވުމަށެވެ. އެހެންކަމުން އިންތިހާބު ބާއްވާނެ ތާރީހަކާ މެދު ކޮމިޝަނާއި ކޮމިޓީގެ މެދުގައި އޮތީ ހިޔާލުތަފާތުވުމެއް އުފެދިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 ދާއިރާ ހިމެނުނު ނަމަވެސް މިއަހަރު އިންތިހާބު ކުރާ މަޖިލީހުގައި އިތުރު ހަ ދާއިރާއާ އެކު ޖުމްލަ 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް 61 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވެ އެވެ.