އެމެރިކާގެ ނޭވީގެ އިންޑޯ ޕެސިފިކް އޭރިއާގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކީނޯ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މިބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެމެރިކާގެ އެހީތެރިކަމާ އެކު ރާއްޖޭގެ ދިފާއީ ކަންކަން ވަރުގަދަކުރުމަށާއި ދިވެހި ސިފައިންނަށް މިހާރަށް ވުރެ ގިނަ ތަމްރީންގެ ފުރުސަތުތައް ހޯދުމަށެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އެކި ދާއިރާތަކުން އެމެރިކާ އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ދިފާއީ ބާރު ކުރިއަރުވާ ތަރައްގީކުރުމަށް އެމެރިކާ އިން އެހީވަމުން ގެންދާނެ ކަމުގެ ޔަގީންކަން ޖޯން އެކޯނީ ވަނީ ދެއްވާފަ އެވެ. އޭނާ ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފަ އެވެ.
ޖޯން އެކޯނީގެ ވާހަކަފުޅުގައި މިއީ ރައީސް ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ކަމަށްވާތީ ރައީސް މުއިއްޒަށް ވަނީ މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
އެމެރިކާ އަކީ ރާއްޖޭގެ ދިފާއީ ކަންކަން ވަރުގަދަކުރުމަށް އެކި ގޮތްގޮތުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ.