އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނާލްޑް ލޫ ރާއްޖެ
ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ލޫ ދެއްކެވި ވާހަކަފުޅުގައި ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުން ފަދަ ދާއިރާތަކުން ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމެރިކާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި އެމަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ރާއްޖެއަށް ފައިދާކުރާ، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ބާރުލިބޭ ކަންކަމަށް މަރުހަބާ ކިޔުން ކަމުގައި ވިދާޅުވި އެވެ.
ލޫ އާއި ރައީސް ވަނީ ރާއްޖެއާއި އެމެރިކާ އިން އިސްކަންދޭ ބައިނަލްއަގްވާމީ މުހިއްމު މައްސަލަތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތީ ރަމަޟާން މަހަށްވާތީ، ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާންތައް ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދެން އޮތީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ދެ ދައުލަތެއް ގާއިމުކޮށް، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީންގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، އަދި ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ލޫ ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ ސުލްހަވެރިކަމާއެކު ގެންގޮސްދެއްވުމާއި، ވެރިކަމުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވި ގޮތްތަކަށް ތައުރީފުކުރައްވައި، އެއީ މުޅި ދެކުނު އޭޝިއާއާއި ދުނިޔޭގެ އެހެން ގައުމުތަކަށްވެސް މިސާލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.