ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ އެމެރިކާ ދަތުރުފުޅަށް ހަރަދުކުރެއްވީ 2.5 މިލިއަން ރުފިޔާ

އދގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 2.5 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު މިދިޔަ މަހުގެ ތެރޭގައި ނުވަ ދުވަހަށް ރައީސް މުއިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ދައުލަތުން ހަރަދުކޮށްފައިވަނީ 2،455،583.01 ރުފިޔާ އެވެ.

މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމެރިކާއަށް ކުރެއްވި ރަސްމީ ދެ ދަތުރުފުޅުގައި ކުރެއްވި ހޭދައަށް ވުރެ ވެސް ކުޑަ އަދަދެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ސޯލިހް ސެޕްޓެމްބަރު، 2019 ގައި 11 ދުވަހަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް 4.2 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު 11 ދުވަހަށް ކުރެއްވި ދަތުރުފުޅަށް 5.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު އެއް ސިޓީގެ ގޮތުގައި ބެލެވޭ އެމެރިކާގެ ނިއުޔޯކުގައި ރައީސް މުއިއްޒު ހުންނެވީ ޕްރެޒިޑެންޝިއަލް ސުއިޓެއްގެ ބަދަލުގައި ހޮޓަލަކުން ދެ ކޮޓަރި ނަންގަވައިގެން ކަމަށް އެނގިފައިވެ އެވެ. އަދި ރައީސްއާ އެކު ދަތުރުކުރެއްވި ވަފްދުގެ ފަރިއްކޮޅުގެ ހަރަދު ބެލެހެއްޓެވީވެސް ދިވެހި ދައުލަތުން ނޫން ކަމަށް އެނގިފައިވެ އެވެ.

ރައީސް މުއިއްޒު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެކި ގައުމުތަކުގެ އެކި ފަންތީގެ ވެރިންނާ ބައްދަލުކުރައްވަވާ މުހިއްމު މަޝްވަރާތަކެއް ކުރައްވާފައިވާތީ އެކަމުގެ ސަބަބުން ކުރިމަގުގައި ރާއްޖެއަށް ފައިދާތަކެއް ލިބޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.