އދ. ގެ ޓޫރިޒަމް ޖަމިއްޔާ -- ޔޫއެންޑަބްލިއުޓީއޯގެ އެޑްވައިޒަރަކަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އައްޔަންކޮށްފި އެވެ.
ޖަނާގެ ފޭސްބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އދގެ އެޑްވައިޒަރެއްގެ މަގާމު ލިބިވަޑައިގަތުމަކީ ބޮޑު ޝަރަފެއް ކަމަށެވެ. އަދި އޭނާ ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
އދ.ގެ ޖަމިއްޔާއެއްގެ އެޑްވައިޒަރެއްގެ މަގާމު މީގެކުރިން ދިވެއްސަކަށް ލިބިފައެއް ނުވެ އެވެ.
ޔޫއެންޑަބްލިއުޓީއޯގެ އެޑްވައިޒަރަކަށް ޖަނާ އައްޔަންކޮށް އެކަން އިއުލާންކުރީ ސްޕެއިންގެ މެޑްރިޑްގައި މިވަގުތު ކުރިއަށްދާ ފިތޫރު ފެއާ ގައެވެ
ދުނިޔޭގެ އެކި ގައުމުތަކުގެ އެކި ލެވަލްތަކުގެ ބޭފުޅުން ބައިވެރިވާ މި ފެއާ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ޖަނާ މިއަދު ވިދާޅުވީ ޔޫއެންޑަބްލިއުޓީއޯގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނަވައިގެން ރާއްޖެ އާއި ޖުމްލަކޮށް ދުނިޔޭގެ ޓޫރިޒަމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޖަނާހް އަކީ މިނިސްޓަރެއްގެ ފެންވަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރެއްގެ މަގާމުގައިވެސް ހުންނެވި ބޭފުޅެކެވެ.