އެމްޑީޕީ

އެމްޑީޕީއާ ގުޅުވި ޓެރަރިސްޓް ހަމަލާއާ ގުޅޭ ތުހުމަތުތައް ތަހުގީގުކުރަން އެޕާޓީން ގޮވާލައިފި

ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް އިދިކޮޅު އެމްޑީޕީ އިން ރާވާފައިވާ ކަމަށް ތުހުމަތުކޮށް ޕީއެންސީގެ ހަރުގޭގައި ދެއްކި ވާހަކަތައް ދޮގުކޮށް އެކަން ތަހުގީގު ކުރުމަށް އެމްޑީޕީ އިން ގޮވާލައިފި އެވެ.

އެމްޑީޕީ އިން ރާއްޖޭގެ ޓޫރިޒަމަށް ސިނާއަތަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތުކުރީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނިހާދު އެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ނިހާދު ދެއްކި ވާހަކަތައް ދޮގުކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.

"ވެރިކަން ކުރާ ޕާޓީން މިފަދަ ހަގީގަތާ ހިލާފު ތުހުމަތުތައް ކުރަމުން ދިޔުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް މި ޕާޓީން ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީ އިން ބުނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ބަސްމަގު ހުރި ގޮތުން މި އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

ކަން މިހެން އޮތްއިރު އަނެއްކާ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު ބިރުވެރި ތަސައްވުރެއް އުފައްދައި ރާއްޖެ ނޫން އެހެން މަންޒިލުތައް ޓޫރިސްޓުން ހިޔާރުކުރަން ހިތްވަރު ދޭ ގޮތަށް ސަރުކާރުގެ ވެރިންގެ ބަސްމަގު ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

"ޕީއެންސީގެ ޖަގަހައިގައި ނިހާދު ދެއްކި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާއި އަދި ޓޫރިސްޓުންނަށް ހިދުމަތް ދޭ ހުރިހާ ވިޔަފާރިއެއްގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އެމްޑީޕީން ގޮވާލަމެވެ،" އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއެންސީ އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ވިދާޅުވީ އެމްޑީޕީ އިން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅެނީ ރާއްޖެއަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާތީ، އެކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ.