ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި ބިލް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު އެވެ. މި އިސްލާހު ފާސްކުރަން ވޯޓަށް އަހާފައިވަނީ ރޯލްކޯލް ވޯޓަކުންނެވެ.
ރޯލްކޯލް ވޯޓުގައި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއިރު އިސްލާހާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.
މި ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ އަށް މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މެންބަރު, އައްޑޫ މީދޫ ދާއިރާގެ އަބްދުއްރަހުމާނެވެ.
މި ބިލަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ އިދާރީ މޭޒު ކައިރީގައި ނުރުހުން ފާޅުކުރުމުގެ ސަބަބުން އެމްޑީޕީގެ ތިން މެންބަރެއްގެ ނަން އިއްވާ ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްފަ އެވެ.
ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރު ކުރި މެންބަރުން
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު
- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު
މި ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ހުށަހެޅި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
އިސްލާހުގައިވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާއި އެ ކޯޓަށް އައްޔަނުކުރެވިފައިވާ ޖުމްލަ ފަސް ފަނޑިޔާރުންގެ މައްޗަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް އިސްލާހުގައިވެ އެވެ.