މުހްތާޒު މުހުސިން

ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން އައްުޔަންކުރައްވައިފި އެވެ.

މުހުތާޒު މިއަދުގެ ވަގުތެއްގައި މަގާމަށް އައްޔަންކުރައްވާފައިވާ ކަމަށް އޭނާ ވަނީ އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ. ރައީސް އޮފީހުން އަދި މިމައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ރައީސްގެ އެޑްވައިޒަރަކަށް މުހުތާޒު އައްޔަންކުރައްވާފައި މިވަނީ ނިމިގެން ދިޔަ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ދަނގެތި ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައި ވަނިކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމާ މުހުތާޒު ހަވާލުވެވަޑައިގަތީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ގިނަ އަހަރުތަކަކު މަސައްކަތް ކުރެއްވުމަށްފަހު އެވެ.

މުހުތާޒު، ޕީޖީގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ދުރުކުރީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ނޮވެމްބަރު 11، 2015 ގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މުހުތާޒު، ޕީޖީގެ މަގާމުން ވަކިކުރުމަށްފަހު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ 17 އަހަރަށް ޖަލަށްލުމަށްވެސް ކޯޓުން ހުކުމް ކުރި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.