ޑރ. މުހައްމަދު މުއިއްޒު

އާންމުންގެ ސުވާލު ރައީސަށް ހުށަހެޅޭ ޕޯޓަލް އިފުތިތާހުކޮށްފި

ރައްޔިތުން ބޭނުންވާ ހިޔާލާއި ޝަކުވާ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ޕޯޓަލް "ރައްޔިތުންގެ އަޑު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފުތިތާހުކޮށް ދެއްވައިފި އެވެ.

މި ޕޯޓަލް އިފުތިތާހުކޮށް ދެއްވާފައިވަނީ ރޭ ސަލްޓަން ޕާކުގައި ބޭއްވި "އަހާ" ސިލްސިލާގެ ދެވަނަ ފޯރަމްގަ އެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލްއަކީ މިމަހުގެ ފަސް ވަނަ ދުވަހު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު އިއުލާނު ކުރެއްވި މަސައްކަތެކެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މަސައްކަތްކުރައްވާއިރު ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް މަގުފަހިކުރަން ޖެހޭނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ގާއިމުކުރަން ކަމަށާއި ކަންކަން ވާނުވާގައި އޮތުމަކީ ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށެވެ.

މި ޕޯޓަލް ލޯންޗްކޮށްފައިވާއިރު ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ރައީސް މުއިއްޒު ކޮންމެ ދުވަހަކުވެސް ވީޑިއޯ މެދުވެރިކޮށް ޖަވާބު ދެއްވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމް ދަނީ ހިންގަމުންނެވެ.

މީގެއިތުރުން 'އަހާ' ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ވަނީ ފަށާފަ އެވެ. އަދި ކޮންމެ ތިން މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބޭއްވެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.