ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު 100 ވަނަ ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން 100 ވަނަ ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.

ރައީސް މުއިއްޒު އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި 100 ވަނަ ކައުންސިލާ ބައްދަލު ކުރައްވާފައިވަނީ މިއަދު ރ. އުނގޫފާރުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތ. ގުރައިދޫ އަށެވެ.

ރައީސް މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ވަޑައިގަންނަވަނީ އެ އަތޮޅުގެ ބައެއް ރަށްރަށަށެވެ. ރައީސް ވަޑައިގަންނަވާ ރަށަކާ އެންމެ ކައިރީގައި ހުރި ރަށްތަކުގެ ކައުންސިލަރުން ގެންނަވާ އެ ކައުންސިލްތަކާ އެމަނިކުފާނު ދަނީ ބައްދަލުކުރައްވަމުންނެވެ.

މި ބައްދަލުކުރެއްވުންތަކުގައި ކައުންސިލްތަކުން އެ ރަށްރަށަށް ބޭނުންވާ ކަންކަން ރައީސަށް ހުށަހަޅުއްވަ އެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައީސް މުއިއްޒު ގެންދަވަނީ އިގުތިސާދީ ހާލަތު ރަނގަޅުވާ މިންވަރަކުން އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ރައީސް މުއިއްޒު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފަ އެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައިވެ އެވެ.

މީގެ އިތުރުން ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަދި ނ އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާ އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާ މި އަތޮޅުތަކާ ރަށްރަށާ ސިޓީތަކުގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.