ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ޅ. އަތޮޅަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅަށް ވަޑައިގެންފި އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ޅ. އަތޮޅުގެ ތިން ރަށަކަށް ޒިޔާރަތްކުރައްވާ އެ ރަށްރަށުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާ އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ރައީސް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ އެ އަތޮޅު ކުރެންދޫ އަށެވެ. އެއަށްފަހު ހިންނަވަރަށާއި ނައިފަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

މިހާތަނަށް އެމަނިކުފާނު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ޖުމްލަ 145 ކައުންސިލަކާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވެ އެވެ.

ރައީސް މުއިއްޒު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފަ އެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައިވެ އެވެ.

މީގެ އިތުރުން ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަދި ނ އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާ އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާ މި އަތޮޅުތަކާ ރަށްރަށާ ސިޓީތަކުގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ރައީސް މުއިއްޒު މިމަހުގެ ތެރޭގައި ވަނީ ރ. އަތޮޅާއި، ބ. އަތޮޅާއި، ދ. އަތޮޅާއި، މ، އަތޮޅާއި، ވ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވާފަ އެވެ.