ޑރ. މުހައްމަދު މުއިއްޒު

ޅޮސްއަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ނިންމައިފި

ޅ. ޅޮސްއަލަފުއްޓަކީ ޅ. ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ކުރެންދޫގެ ބިން ހުސްވެފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެކަމުގެ ސަބަބުން ތަރައްގީ ހޯދުމުގައި ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު އެ ރަށުގައި ހިނގަމުންދާ 50 ހައުސިން ޔުނިޓްގެ މަޝްރޫއިން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުވާނެ ކަމަށާއި ބިން ހިއްކައިގެން އިތުރުވާ ޖާގައިންވެސް ހައްލު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަސްތުކުރަނީ މިރަށުގެ ކުރިމަގަށްޓަކައި ދާއިމީ ތަރައްގީއަކަށްޓަކައި މިތާ މާދުރުނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުއްޓަކީ މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޅޮސްއަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ.

އެ ގޮތުން ރައީސް މުއިއްޒު ވަޒީރަކަށް ހުންނެވިއިރު ޅޮސްއަލަފުށީގެ އެކިއެކި މުއާމަލާތްތަކުގެ އެގްރީމެންޓްތަކެއް ވަނީ ހަދާފަ އެވެ.

"އެ ހުރިހާ އެގްރީމަންޓްތަކަކުން އެ ރަށްވަކިކޮށް އޮންނަ އުސޫލުތަކުގެ ތެރެއިން ދައުލަތަށްވެސް އޭގެ އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް އެކަންކޮށް މިރަށުގެ ރައްޔިތުންގެ އާންމު މަސްލަހަތާއި މި ދާއިރާގެ ތަރައްގީގެ އާންމު މަސްލަހަތާއި ތިބޭފުޅުންގެ ކުރިމަގަށްޓަކައި ދަރީންގެދަރީންގެ މުސްތަގުބަލަށްޓަކައި އެރަށް ވަކިކޮށް ސަލާމަތްކޮށް ޅޮސްއަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭން އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޅޮސްއަލަފުއްޓަކީ ކުރެންދޫއާ ގާތްގަނޑަކަށް 2.9 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.