ލައިފްސްޓައިލް

ޓްރެންޑާއި އެއްގޮތަށް ހެދުން އެޅުމަށް އެހީއެއް

ލާ ނެ ހެދުމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ސްޓައިލް ކުރުމަކީ ބައެއް މީހުންނަށް ނިކަން އުނދަގޫ ކަމެކެވެ. އެއީ އެމީހަކު ލާއުޅޭ ހެދުމަކީ އެމީހެއްގެ ޝަހުސިއްޔަތު ދައްކުވައިދޭ އެއްޗަކަށް ވާތީ އެވެ. ތިމާއާ ގުޅޭގޮތަށް ލާ ހެދުންތަކުގެ ސްޓައިލް ބަދަަލުކޮށްލަން ބޭނުންނަމަ ނުވަތަ އާ ގޮތަކަށް ހެދުން އަޅަން ހިޔާލު ކުރާނަމަ ފަރުވާތެރިކަމާއެކު އަދި މިހާރުގެ ޓްރެންޑަށް އެކަން ކުރެވޭތޯ ބަލަންވާނެ އެވެ.

ސަންޑްރެސް / ސަމަ ޑްރެސް

މިފަދަ ހެދުންތަކަކީ ތަފާތު އެކި ގޮތް ގޮތަށް ސްޓައިލް ކޮށްލެވޭނެ ހެދުންތަކެކެވެ. ބުރުގާ އަޅާ ކުދިންނަށާއި ނާޅާ ކުދިންނަށްވެސް މި ހެދުން ކަމުދާނެ އެވެ. ބުރުގާ އަޅާ ކުއްޖެއްނަމަ ހެދުމުގެ އަޑިން ހުދު ކުލައިގެ އަތް ދިގު ޓީޝާޓެއް ލުމަށްފަހު ރީތި ގޮތަކަށް ޝޯލު އަޅާލުމުން ވަރަށް ފުރިހަމަ ވާނެ އެވެ. ތަންކޮޅެއް ޕްލެއިން ހެދުމެއް ވެސް ކޯސެޓަކާއެކު ސްޓައިލް ކޮށްލުމުން ރީތި ވާނެ އެވެ.

ފޮލޯރަލް، ސިމްޕަލް އަބާޔާ

މަލުގެ އެކި ވައްތަރުން ޖަރީކޮށްފައި ހުންނަ ހެދުންތަކަކީ ކޮންމެ ހަފްލާއަކަށް ނުވަތަ މުނާސަބަތަކަށް ވެސް ގުޅޭނެ ހެދުންތެކެވެ. ސެޓިން ފޮތި، ސޭ ފޮތި، ޓެކްސްޗާޑް އަދި ސްވެޓަ މެޓީރިއަލްގެ ފޮއްޗަށް ބެލި ނަމަވެސް މިއީ އަބާޔާ ފަހަން ކަމުދާނެ ފޮއްޗެވެ. ކުޑަކޮށް އަދި ބޮޑުކޮށް ބުރުގާ އަޅާ އަންހެން ކުދިންނަށްވެސް ފްލޯރަލް އެމްބްރޮއިޑަރީ ހުންނަ ނުވަތަ ދިގު ސްވެޓަ ހެދުމެއް ލުމުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ.

ލެދަ ސްޓައިލްކުރުން

އާންމު ގޮތެއްގައި ލެދަ ބޭނުންކުރަނީ ތިމާ ލައިއުޅޭ ޖެކެޓް ފެހުމަށް ނުވަތަ ބޫޓެއް، އަތްދަބަހެއް ފަދަ އެއްޗެއް ހެދުމަށެވެ. ނަމަވެސް ހެދުމެއްގެ ގޮތުގައި އަދި އެހެން ގޮަތަކަށް ނަމަވެސް ސްޓައިލް ކޮށްލަން ލެދަ ބޭނުންކުރަން ވިސްނިން ހެއްޔެވެ؟ ލެދަ އަކީ ކުރިއާ ތަފާތުކޮށް ލެދަ ޕޭންޓްސްއަށާއި ލޭޔަރިން ހެދުންތަކަށް މިހާރު ބޭނުންކުރާ އެއްޗެކެވެ. ފޫހި އަދި އާދަޔހިލާފު ގޮތަކަށް ހެދުން އަޅަން ބޭނުންވާ ކަމުގައިވާނަމަ މިގޮތް އިހްތިޔާރު ކުރާށެވެ.

ސްކާޓް ސްޓައިލްކުރުން

ސްކަޓަކީ ބައެއް މީހުން އާންމުކޮށް ބޭނުންކުރާ އެއްޗަކަށްވީ ނަމަވެސް ފާއިތުވެ ދިޔަ އަހަރުތަކުގައި ސްކާޓް ސްޓައިލްކުރުން އެހާ އާންމު ކަމަކަށް ނުބުނެވޭނެ އެވެ. މިހާރުގެ ޓްރެންޑެއްގެ ގޮތުގައި އަނެއްކާވެސް ތަފާތު ވައްތަރުގެ ސްކާޓްލުން ވަރަށް ބޮޑަށް އާންމުވެއްޖެވެ.

މީގެ ތެރޭގައި ޕްލެއިން ޓީޝާޓަކާ އެކު ސްކާޓްލުމާއި، މެކްސީ ސްކާޓް، "ކޮޓެޖް ކޯ" އެސްތެޓިކްއަށް ސްޓައިލް ކުރާ ސްކާޓްވެސް ހިމެނެ އެވެ. ރަފަލްސް ހުންނަ ސްކާޓް އަދި ޑެނިމް ސްކާޓަކީ ވެސް މި ޓްރެންޑުން ހަނދާން ނައްތާލެވޭ ފަދަ ސްކާޓްތަކެއް ނޫނެވެ. އާދައިގެ ޖިންސެއް ނުވަތަ ހަރުވާޅެއް ލުމުގެ ބަދަލުގައި ސްކާޓެއް ރީތި ވާނެ އެވެ.

ޚިމާރު ސްޓައިލްކުރުން

ދިގު ހެދުން އަދި މޫނު ބުރުގާ އަޅާ ކުދިންނަށް ހާއްސަކޮށް މިހާރުގެ ޓްރެންޑެއްގެ ގޮތުގައި ޚިމާރް އެޅުމަކީ ރާއްޖެއިން ބޭރު 'ކޮންޓެންޓް ކްރިއޭޓާސް"ގެ ފަރާތުން އިންސްޕަޔަ ވެގެން އައިސްފައިވާ ކަމެކެެވެ.

އެކި ކުލަތަކުން ފަހާފައި ހުންނަ މަޑު ފޮތީގެ ޚިމާރު ލޭޔާކޮށް އަޅާލާފައި ހުންނަ އިރު ހެދުން އިތުރަށް ފުރިހަމަ ކޮށްދީ، ސިފަކޮށްދޭން ނޭނގޭފަދަ ރީތިކަމެއް ގެނުވަ އެވެ. ޚިމާރް އަޅާއިރު އެންމެ ރީތީ އެއާ ގުޅޭފަދަ ގޮތަކަށް ފަހާފައި ހުންނަ ހެދުމަކާ އެކު އެޅީމަ އެވެ. މީގެ އިތުރުން ދިގު ޖެކެޓަކާއި އެއްކޮށް ވެސް އެޅިދާނެ އެވެ.

ފެޝަންގެ ދުނިޔޭގައި ތަފާތު ހިޔާލުތަކާއި އުފެއްދުންތެރި ގޮތްގޮތަށް ހެދުން އެޅުމަށް އަބަދުވެސް ހިތްވަރުދެ އެވެ. އެއީ ރީތި ހެދުމަކާ އެކު ރަނގަޅު ސްޓައިލެއް ނެތް ނަމަ ތިމާއަކީ ފޫހި މީހެއް ކަމަށް ބައެއް މީހުން ދެކެފާނެތީ އެވެ. މި ހިއްސާކޮށްލި ހެދުންތަކާއި ސްޓައިލްތައް ކަމުދާނެ ކަމަށް ޔަގީންކުރަމެވެ.