ލައިފްސްޓައިލް

ސްކިނީ ޖީންސާއި ޓައިޓްގެ ދުވަސް ހިނގައްޖެ!

ދިވެހިންނަކީ އަބަދުވެސް ރީތިވެ ނަލަވެގެން ތިބޭ ހިތްވާ ބައެކެވެ. ގިނަ މީހުންނަކީ ވަރަށް ޒަމާނީ އަދި ފެޝަނަށް ލޯބި ކުރާ ބައެކެވެ. ހެދުން އަޅަނީ ފަހުގެ ފެޝަނާއި ޓްރެންޑްތަކަށް ބަލައިގެނެވެ. މަޝްހޫރު ސެލެބިރިޓީން ބޭނުންކުރާ ސްޓައިލް ތަކާއި ބްރޭންޑްތަކަކީ ކޮބައިތޯ ވެސް ގިނަ ޒުވާނުން ބަރާބަރަށް ބަލަ އެވެ. މިހާރު މިއޮތީ އާ އަހަރެއް ފަށާފަ އެވެ. މިއަހަރު ޒުވާނުންގެ މެދުގައި މަގުބޫލްކަން ހޯދާނެ ބައެއް ޓްރެންޑާއި ފެޝަނަށް މިހާރު ވެސް މީހުން ތިބޭނީ ފާހަގަކޮށްގެނެވެ.

ޕަލާޒޯ ޕޭންޓްސް

ސްކިނީ ޖީންސްގެ ދުވަސްގޮސްފި އެވެ. މިދިއަ އަހަރުގެ ފަހުކޮޅުން ފެށިގެން ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަނީ ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި ލައި އުޅުނު "ޕަލާޒޯ ޕޭންޓްސް" ނުވަތަ ފައިކުރިއަށް ފުޅާކޮށް ހުންނަ ހަރުވާޅެވެ. ބުރުގާ އަޅާ ޒުވާނުން ވެސް ހަވީރަށް ނަލަ ހެދިލައިގެން މޭކަށިގަނޑާ ހަމައަށް އަރުވާފައި ހުންނަ ފައިކުރިއަށް ފުޅާ ހަރުވާޅުލާ ތަން މަދުމަދުން ނަމަވެސް މިހާރުވެސް އާއްމުވާން ފަށައިފި އެވެ. އެހެންކަމުން ޒުވާނުންގެ މެދު ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅާއި 2000 ވަނަ އަހަރުގެ ކުރީކޮޅުގައި މަޝްއޫރުވެގެން އައި ޓައިޓް ލެގިންސް އަދި ލޯ ހިޕް ސްކިނީ ޖީންސް ގެ ދުވަސް ރަނގަޅަށް ވެސް ގޮސްފިއޭ ބުނެވިދާނެ އެވެ.

ކްރޮޕް ޓޮޕްސް

އައްޑިހައިގެ އަހަރުތަކުގެ ތެރޭގައި ލައި އުޅުނު "ކްރޮޕް ޓޮޕްސް" ނުވަތަ ފޫޅުން މައްޗަށް ކުރުކޮށް ހުންނަ ޓޮޕް މި ދަނީ އަނެއްކާވެސް ވައިގައި ހިފައި ފިސާރި ރަނގަޅަށް މަގުބޫލްކަން ހޯދަމުންނެވެ. މި ފަދަ ޓޮޕް އާދަވެ ލައި އުޅޭތީ ފެންނަނީ ކުރިމަތީ ގޮށް ބަރިލާފައި ހުންނަ ޖީންސާއެކު އެވެ. މިއީ ހަވީރީ ހެދުމެއްގެ ބަދަލުގައި ބޮޑަށް ފެންނަނީ ހެނދުނާއި މެންދުރުގެ ގަޑިތަކުގައި ބޭރަށް ދާން ލާ އުޅޭ ސްޓައިލެއްގެ ގޮތުގަ އެވެ.

ވަށްކޮށް ހުންނަ ސައިޑް ދަބަސް

ލައިގެން ހުންނަ ހެދުން ރަނގަޅަށް ފުރިހަމަ ވަނީ ހިފާލައިގެން ހުންނަ ނުވަތަ އަޅުވާލައިގެން ހުންނަ ދަބަހުންނޭ ބުނުމަކީ އެއް ގޮތަކަށް ދޮގެއް ނޫނެވެ. މަލާމާތެއް ވެސް ނޫނެވެ. ސައިޑް ބޭގަކީ ގެންގުޅެން ފަސޭހަ ކަމުން ގިނަ މީހުންނަށް އަތް ދަބަހެއްގެ ގޮތުގައި މަގުބޫލުވެފައިވާ ދަބެހެކެވެ. ޒުވާނުންގެ އިތުރުން ދޮށީ އުމުރުގެ މީހުން ވެސް ސައިޑް ބޭގްގެ ތަފާތު އެކި ސައިޒު އަޅުވައިގެން އުޅޭތީ އާއްމުކޮށް ފެނެ އެވެ. އެހެން ނަމަވެސް މި ދުވަސްކޮޅު ވައިގަ ހިފައިގެން މިއުޅެނީ ވަށްކޮށް ވިޔެފައި ހުންނަ ގޮތަށް ހަދާފައިވާ ސައިޑް ދަބަހެކެވެ.

ޖަމްޕްސޫޓް

ފުޅާކޮށް ފަހާފައި ހުންނަ ހަރުވާޅާއި ޓޮޕާއި ގުޅުވާލައި އެއްކޮށް ފަހާފައި ހުންނަ ހެދުމަށް ކިޔަނީ ޖަމްޕްސޫޓެވެ. މިއީ ބުރުގާއަޅާ ކުދީންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލް ވަމުން އަންނަ ޓްރެންޑެކެވެ. މި ހާއްސަ ޖަމްޕްސޫޓުލާފައި ހުންނަ އިރު ވަރަށް ކޮންފިޑެންޓް މީހެއްގެ ލުކެއް ހުންނަ ކަމަށް ޒުވާން ކުދިން ބުނެ އެވެ. ގަބޫލު ކުރެވެނީ ވެސް އެގޮތަށެވެ.

ކަންވާސް ޝޫޒް

ދިވެހިން، ބޯ ފައިވާނާއި ފެންފައިވާނަށް އެރި ދުވަސްތައް އަކީ މާޒީގެ ތެރެއަށް ދިޔަތާ ކިތަންމެ ޒަމާނެކެވެ. އަންހެން ކުދިންގެ އިތުރުން ޒުވާން ފިރިހެން ކުދިންވެސް ބޭރުތެރެއިން މި ފެންނަނީ ގިނަ ވަގުތުހެން ކެޝުއަލް ބޫޓަށް އަރާފައި ތިބޭ ތަނެވެ. މިއީ ފަޔަށާއި ފައިތިލައަށް ފަސޭހަ ވުމުގެ އިތުރުން ފެޝަން ސްޓޭޓަމަންޓެކެވެ. ބުރުގާ އަޅައި ދިގުކޮށް ހެދުންލާފަ ތިބޭ ކުދިންވެސް މި ފަދަ ކެޝުއަލް ބޫޓަކާއެކު، އަޅާފައިހުންނަ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސް ދެއެވެ.

މާޖެހި ޑިޒައިންތަކުގެ ޓޮޕު

ތަފާތު ވައްތަރުގެ މާޖެހި ފޮތިން ފަހާފައި ހުންނަ ޓޮޕް ލުމަކީ ބަދަލެއް ނާންނަ ނޫނީ މާ ބޮޑު ބަދަލެއް ނައިސް އޮންނަ ޓްރެންޑެކޭވެސް ބުނެވިދާނެ އެވެ. މާތަކުގެ ތެރެއިން ވެސް ހާއްސަކޮށް އެކި ކުލަ ކުލައިގެ ފިނިފެންމަލުގެ ފޮތިން ހުންނަ ޓޮޕާއި ބުރުގާ މަޝްހޫރުކަން ހޯދާފައި ވެއެވެ. މިދުވަސްކޮޅު ކުދި ކުދި މާޖެހި ފޮތީގައި ފަހާފަ ހުންނަ ޓޮޕާއި ހެދުން އަދި ބުރުގާ ވެސް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލެވެ.

ހެދުން އެޅުމުގައި ކޮންމެ ވައްޓަފާޅިއެއް ގެންގުޅުނަސް ނުވަތަ އާ ފެޝަނާއި ޓްރެންޑްތައް ފޮލޯކުރިޔަސް މުހިއްމީ ހާލަތައި ގުޅޭ، މާހައުލާއި މޫސުމާވެސް ގުޅޭ އަދި ލައިގެން އުޅެން ފަސޭހަ ހެދުމާއި އެމީހެއްގެ ބައްޓަމާއި ގުޅޭގޮތަށް ފަހާފަ ހުންނަ ހެދުމެވެ. މި އަހަރު އަމިއްލަ ނަފުސު ތަރައްގީ ކުރާއިރު އެކަން ހަނދާން ނައްތާލައިގެން ނުވާނެ އެވެ.