އަވަސް ޓްރެންޑްސް

އަވަސް ޓްރެންޑްސް: މަހުމާ ފޮތީގެ ފަރިކަން އަދިވެސް ފަނޑު ނުވޭ!

Mar 4, 2017
1

މަހުމާ ނުވަތަ (ވެލްވެޓް) ފޮތީގެ ކުލަތަކާއި މަހުމާ ފޮތީގެ ހިތްގައިމު ކަމުގައި ނުޖެހޭ ދިވެއްސަކު މަދުވާނެ އެވެ. މިއީ ނުވަދިހައިގެ އަހަރު ތަކުގައި ވެސް ރީތިވުމުގައި ހިތާއި ހިތުގެ ގުޅުމަކުން ދިވެހިންނާ ގުޅިލާމެހިފައިވާ ފޮއްޗެކެވެ. އެ ޒަމާނުގައި ލަވައެއް ނުކުތަސް މަހުމާ ފޮތީގެ ހެދުމެއް ނުފެނިނުދާނެ އެވެ.

އޭގެ ފަހުން ދެހާހުގެ އަހަރުތައް ފެށިގެންދާއިރު ވެސް ތަފާތު ވައްތަރުގެ ފެޝަންތައް އައިސް ގޮސް ވިޔަސް މަހުމާ ފޮތީގެ މަހުމާ ގަނޑަށް ބަދަލެއް ނައިސް އަދިވެސް އޮތީ ހަމަ އެގޮތުގަ އެވެ. މިކަމަށް ބާރުދޭ އެއްކަމަކީ މަޝްހޫރު ފޮތި ފިހާރަތަކުން މަހުމާ ފޮތި ހުސްނުވެ އަބަ ދުވެސް ހުރުމެވެ. ޕާޓީ ތަކާއި ހާއްސަ ހަފްލާތަކުން ވެސް މަހުމާ ހެދުންތައް ކުރިއަށް ވުރެ ގިނައިން އަނެއްކާވެސް މިވަނީ ފެންނަން ފަށާފަ އެވެ.

އެގޮތުން މި ފަހަރު އަވަސް ޓްރެންޑް ސްޓައިލް މި ހާއްސަކޮށްލަނީ މަހުމާފޮތި ނުވަތަ ވެލްވެޓް ކަލެކްޝަން އަށެވެ.

މިފަހަރުގެ ވެލްވެޓް ކަލެކްޝަންގައި ބޮޑަށް ބަލާލާނީ މަހުމާ ފޮތީގެ ގައުން އަށް ވުރެ ބޮޑަށް ޓޮޕްތަކަށެވެ.

ވެލްވެޓްގެ ކޮންމެ ކުލައަކީ ވެސް ކޮންމެ ކަހަލަ މުނާސަބަތަކާ ވެސް ގުޅުވާލެވޭނެ ރީތި ފޮއްޗެކެވެ. އެގޮތުން ކަނޑުނޫ ކުލައިގެ ކުރު ހެދުމަކާ އެކު މަޑު ކުލައެއްގެ ހީލް އެއް ގުޅުވާލުމުން ވަރަށް ޗާލު ކަމަށް ދައްކާނެ އެވެ. އަދި މިއީ މާ ގޮތް ބޮޑު ނުކޮށް ސިމްޕަލް ކޮށް ޑްރެސް ކުރަން ބޭނުންވާ ކުދިންނަށް ރީތި ގޮތެކެވެ.

މެރޫން ކުލައިގެ ލޫސް ޓޮޕަކާއެކު އަޅި ނުވަތަ މަޑު ކުލައެއްގެ ސްކާޓެއް ގުޅުވާލުމުން ވެސް ޕާޓީ ލުކެއް ގެނެވިދާނެ އެވެ. މިއީ ޕާޓީއަކަށް ދިއުމުގެ އިތުރަށް އޮފިޝަލް އެހެން މުނާ ސަބަތަކަށް ވެސް ލެވިދާނެ ގޮތެކެވެ. އަދި މިގޮތަށް ބެގީ ކޮށްލުމުން އިތުރަށް ރީތި ކަމަށް ދައްކާނެ އެވެ.

މީގެ އިތުރުން ހަފްލާއަކަށްދާން ލާން މިއީ ވެސް ރީތި ގޮތެކެވެ. ވީ ނެކް ޗޮޕާ ޓޮޕަކާއެކު ތިރިން ރީތި ބެލް އެއް ގުޅުވާލެވިދާނެ އެވެ. ޗޮކާ ޓޮޕެއް ލާނަމަ އިސްތަށިގަނޑު ރީތިގޮތަކަށް ހުޅިއެއް ޖަހާލުމުން ނުވަތަ މައްޗަށް ނަގައި (ޕޯނީ ޓެއިލްކޮށް) އައްސާލުމުން ޓޮޕްގެ ރީތިކަން ފެނިގެންދާނެ އެވެ.

މަހުމާ ފޮއްޗަކީ ހަމައެކަނި ހާއްސަ ހަފްލާތަކަށްދާން ލާން އެކަނި ރީތި ފޮއްޗެއްނޫނެވެ. މިއީ އާންމުކޮށް އުޅޭއިރު ނުވަތަ ރައްޓެހިންނާއެކު ބޭރަށް ދާއިރު ވެސް ލައިގެން ދާން ރީތި އަދި ލައިގެން އުޅެން ވެސް ފަސޭހަ ފޮއްޗެކެވެ. އެގޮތުން ލޫސް ޓޮޕަކާއެކު ތިރިން ޖީންސް އެއް ގުޅުވާލެވިދާނެ އެވެ.

މީގެ އިތުރުން ވެސް ވެލްވެޓް ހެދުމަކާއެކު ތިރިން ހިމަށް ހަރުވާޅެއް ގުޅުވާލުމުން ވެސް ރީތި ކަމަށް ދައްކާނެ އެވެ. މިއީ ވެސް އާންމުކޮށް އުޅޭއިރު ލާން ރީތި ހިތްގައިމު ގޮތެކެވެ.

  • ފޮޓޯގްރާފަރު: އަހުމަދު ޝުރާއު / އަވަސް
  • ރީޓަޗިން: ސައްފު / އަވަސް
  • ވޯޑްރޯބް: ޗެޕްސް ރިޒާވްޑް
  • މޭކަޕް: ޔަޝް
  • މޮޑެލް: މައި