ރައީސް އޮފީސް

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސަމާހް

މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އަހްމަދު ސަމާހު ރަޝީދު، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފި އެވެ.

ސަމާހްއާ އެކު ފިޝަރީޒް މިނިސްޓްރީގައި މިހާރު ތިން ސްޓޭޓް މިނިސްޓަރުން ތިއްބަވަ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެގެ ވަގުތެއްގައި ވަނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސަމާހް ވަކިކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު ވަކިކުރި ވަކި ސަބަބެއް ނުބުނެ އެވެ.

ސަމާހް އިއްޔެ މިފްކޯގެ މަގާމުން ވަކިކުރީ މިދިޔަ މާޗް 18 ވަނަ ދުވަހު އޭނާ އެ މަގާމުން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު މިދިޔަ އޭޕްރީލް މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި ސަސްޕެންޝަން އުވާލިވެސް ފަހުންނެވެ.

ސަމާހް ސަސްޕެންޑް ކުރީ ސިޔާސީ ބޭނުންތަކަށް މިފްކޯގެ އިމާރާތެއް ބޭނުންކުރުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބައެއް މީހުންނަށް ވަޒީފާ ދިނުމާއި ނިމިގެން ދިޔަ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުންނަށް ހަދިޔާ ދިނުން ފަދަ ކަންކަން ކުރުމާ ގުޅިގެން ކަމަށް އެނގިފައިވެ އެވެ.