ޑރ. މުހައްމަދު މުއިއްޒު

މިނިވަންކަން ކަށަވަރުކުރުމަށް އުދަރެހުގެ ކޮޅަށް ބަލަންޖެހޭ: ރައީސް

ކުރިއަށް އޮތް ޖީލުތަކުގެ މުސްތަގުބަލަށްޓަކައި މި ގައުމުގެ އިގްތިސާދީ ސިޔާދަތީ މިނިވަންކަން ޔަގީންކުރުމަށް، އުދަރެހުގެ އެންމެ ކޮޅަށް ބެލުމަށް ނުވަތަ ދުރުވިސްނޭ ސިޔާސަތެއްް ގެންގުޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ގައުމުގެ އިގުތިސާދު ޑައިވަސިފައި ކުރުމަށް ނުވަތަ ސިންދާފާތު ކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ހަމަކުރައްވާފަ އެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސަވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެކި ދާއިރާތަކުން އިގުތިސާދު ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އިގްތިސާދު ސިންދަފާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަންކަރިންގެ ހިދުމަތް އަމަލީގޮތުން ފެށިގެން ދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ރޭ ވަނީ ދެއްވާފަ އެވެ. މި ހިދުމަތް ފެށޭތާ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރު ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަމުގެ ސަބަބުން ދައުލަތުގެ ދަރަނި ކުޑަކުރެވި، އާމްދަނީ އިތުރުވެ، ވަޒީފާތައްވެސް އުފެދޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޗައިނާއާ އެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. މީގެ ސަބަބުން 298 ބާވަތަކުން ޑިއުޓީ ފްރީވެގެން ދާނެ ކަމަށް ރައީސް ޔަގީންކުރައްވަ އެވެ.

"މިއީވިޔަފާރި ކުރާ އަމިއްލަ ކުންފުނިތަކާއި ފަރުދުންނަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިނގިރޭސިވިލާތާއި، އިންޑިއާ އަދި ތުރުކީއާ އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް މަޝްވަރާތައް ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ. އިންޑިއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިކަމުގެ ތެރެއިން ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ގެންދިއުމުގެ މަސައްކަތް ކަމަށާއި އިންޑިއާއާއެކު އޮތް ގާތްގުޅުމުގެ ތެރެއިން އެކަން މިހާރު ހާސިލްކުރެވިއްޖެ ކަމަށެވެ.

"މިހާރު ރާއްޖޭގައި ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިން ނުތިބޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ގެނެސްފައި ހުރި އަސްކަރީ އުޅަނދުތަކުގައި ތިބި އަސްކަރީ މީހުން ގެންގޮސް، އެ އުޅަނދުތައް މިހާރު ރާއްޖޭގައި ބޭނުންކުރަނީ އިންޑިއާގެ މަދަނީ ބައެއް ކަމަށެވެ. އެގޮތުން މަދަނީ މީހުން ބޭނުންކޮށްގެން އޮޕަރޭޓްކުރަން ފެށި ފަހުން ބަލިމީހަކު ގޮވައިގެން ހަނިމާދޫން މާލެއަށް ފުރަތަމަ ފްލައިޓް ރޭ ދަތުރުކޮށްފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ބިޔަ ސަރަހައްދު ރާއްޖެއަށް ނުބެލެހެއްޓޭނަމަ ދިފާއީ ސިޔާދަތު ޔަގީންނުވާނެ ކަމަށެވެ. އެހެންވެ ރައީސް ވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޔޫއޭވީ -- ޑްރޯންގެ އެހީގައި މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބަލަހައްޓަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ.

"ހަމަ އެހެންމެ ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކޮށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ކޯސްޓްގާޑު ދެގުނައަށް ފުޅާކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށުމުގެ މަރުހަލާގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ ރަތްރޮނގު، ފަވާލެވިފައިވާ ރަތްރޮނގެއްގެ ގޮތުގައި ތާއަބަދަށް ދަމަހައްޓައި ގައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ފަހުރެއްގެ ގޮތުގައި އެމަނިކުފާނު އަބަދުވެސް ދެކިވަޑައިގަންނަވާ ކަމަށެވެ.