ޝައިހް ހަސީނާ

ހަސީނާ: ހުދުމުހުތާރު، ހިޔާނާތްތެރި ވެރިއެއް

ބަ ންގްލަދޭޝްގެ ނުފޫޒުގަދަ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ބާރުގަދަ ވެރިކަން އެ ގައުމުގެ ރައްޔިތުން ނިކުމެ ބަދަލުކޮށްލުމަކީ އަނެއްކާވެސް ރައްޔިތުންގެ ބާރު ގައުމަކުން ފެނިގެން ދިޔަ ތާރީހީ ބަދަލެކެވެ. ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ މުޖީބުއްރަހްމާންގެ ދަރިކަނބަލުން ހަސީނާގެ ވެރިކަން ނިމުމަކަށް އައީ އޭނާގެ އަނިޔާވެރި އަމަލުތަކާއި ފަސާދައިގެ ސަބަބުންނެވެ. މިއީ ބަންގްލަދޭޝްގެ ހަޔާތުން ފެންނަ ހުތުރު ސަފްހާތަކެކެވެ.

ވެރިކަން ބަދަލުކޮށްލަންޖެހުނު ސަބަބުތައް

އެކި ފަހަރު މަތިން ވެރިކަން ކުރައްވަމުން ގޮސް ހަތަރުވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިގެން ހުންނެވި ހަސީނާގެ ބާރުގަދަ ވެރިކަން ،މިއަދު ނިމިގެން ދިޔައީވެސް ހުތުރު ގޮތަކަށެވެ. ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީގެ ދަރިކަނބަލުންގެ ވެރިކަން މިއަދު ނިމިގެން ދިޔައިރު އެ ގައުމުގެ ރައްޔިތުންގެ ކުރިމަތީގައި ހަސީނާއަކީ ޑިކްޓޭޓަރެކެވެ. އޭނާގެ ވެރިކަމުގައި އެ ގައުމުގެ އިދިކޮޅު ޕާޓީތަކާއި ލީޑަރުންނަށް ވަކިން ހާއްސަކޮށް އެންމެ ބޮޑު ވާދަވެރިޔާ ހާލިދާ ޒިއާއަށް ވަރަށް ބޮޑެތި އަނިޔާތަކާއި ގެއްލުންތައް ދީފައިވެ އެވެ.

ހަސީނާގެ ވެރިކަން ނިމިގެން ދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަނިޔާވެރިކަމުގައި ހައްދުފަހަނައެޅުމާއި، ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމް ނުކުރުން ހިމެނެ އެވެ. ހައްގުތައް ހޯދަން މަގުމައްޗަށް ރައްޔިތުންގެ ނިކުތުމުން ގޮށްމުށުގެ ބާރު ބޭނުންކޮށް އަނިޔާކުރުމާއި، އެތައް ބަޔަކު މަރާލުމަކީވެސް އޭނާގެ ވެރިކަމުގައި ސިއްކަ ޖެހުނު ސަބަބުތަކެކެވެ.

މީގެ އިތުރުން ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ރައްޔިތުންގެ ހާޒާނާއިން އެތައް މިލިއަން ޑޮލަރެއް ލޫޓުވުމާއި، ހަސީނާގެ އާއިލާއާއި ރައްޓެހިންނަށް ނުހައްގު މުއްސަނދިކަމާއި ބާރާއި ނުފޫޒު ހޯދައިދިނުމަކީވެސް ރައްޔިތުން ނިކުމެ ވެރިކަން ނިންމާލި ސަބަބެކެވެ.

މުޒާހަރަތާއް ފެށުނު ގޮތާއި ފުރޮޅިގެން ދިޔަ ގޮތް

ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން ކިޔަވާ ކުދިން މުޒާހަރާއަށް ފުރަތަމަ ނިކުތީ އެ ގައުމުގެ ސިވިލް ސާވިސްގެ ވަޒީފާތައް ދިނުމުގައި އޮތް ނާއިންސާފު ހުއްޓުވުމަށެވެ. މިމުޒާހަރާތައް ފަހުން ހޫނުވެ މުޒާހަރާގެ މަގުސަދު މުޅިން ބަދަލުވެ މި މުޒާހަރާތަކުގެ ތެރެއަށް ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީތަކުންވެސް ވަދެ މަސްރަހް އިތުރަށް ހޫނުވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ހަސީނާ ގޮތް ހުސްވެ ވެރިކަން ދޫކޮށްލަން މަޖުބޫރުވެވަޑައިގަތުމެވެ. ސިފައިންނާއި ފުލުހުންގެ ފައުޖުތައް ރައްޔިތުން ހުއްޓުވަން ލިބިފައިވާ ހުރިހާ ބާރެއް ބޭނުންކުރި ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ސަލާމަތީ ފައުޖުތަކުގެ ސަފުތައް ފޫއަޅުވާލުމަށްފަހު ބޮޑުވަޒީރުގެ ގެކޮޅާ ހަމައަށް ގޮސްފަ އެވެ.

ހަސީނާގެ ފަހު ވަގުތުކޮޅު

ހަސީނާ މަގާމުން އެންމެ ފަހު ވަގުތު އިސްތިއުފާ ދެއްވީ ރައްޔިތުން ރިޔާސީ ގަނޑުވަރާ ހަމައަށް ގޮސް އެ އިމާރާތުގެ ތެރެއަށް ގާއުކާ ދެންމެދެންމެ ވަދެގެންފާނެހެން ހީވާ ހިސާބަށް ދިއުމުންނެވެ. އިތުރު އެއްވެސް ގޮތެއް ހަސީނާއަށް ދެން ފެނިވަޑައިނުގަތުމުން މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރިޔާސީ ގަނޑުވަރުގައި އެވަގުތު އަރިހުގައި ތިއްބެވި ހަށިފާރަވެރިންގެ އެހީގައި ފިއްލެވީ ގަނޑުވަރު ތެރޭގައި އޮތް އެލާޓްގައި އޮތް ހެލިކޮޕްޓަރެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފިއްލަވައިގެން ވަޑައިގެންނެވި ސީދާ ތަނެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ހަސީނާ ސިޔާސީ ހިމާޔަތް ހޯއްދަވާނީ އަވަށްޓެރި އިންޑިއާ އިން ކަމަށް ބުނެވެ އެވެ. ހަސީނާ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގާތްގުޅުމެއް ބާއްވަމުން ގެންދެވި މިސަރަހައްދުގެ މަދު ލީޑަރުންގެ ތެރެއިން ލީޑަރެކެވެ.

ހަސީނާގެ ސިޔާސީ މިއަދަށްފަހު ގާތްގަނޑަކަށް ނިމުނީ ކަމަށް މުރާސިލުން ލަފާ ކުރެ އެވެ. ހަސީނާއަށް ވެސް ފަހު ވަގުތު ހިމާޔަތް ހޯއްދަވަން ޖެހިވަޑައިގަތީ އަވަށްޓެރި ސްރީލަންކާގެ ކުރީގެ ރައީސް ގޮތާބޭވެސް ދަތުރުކުރެއްވި މަގުން ދަތުރުކުރައްވައިގެންނެވެ. ގޮތާބޭ ވެސް ވަނީ އޭނާގެ ވެރިކަން ނިންމަން ސްރީލަންކާގެ ރައްޔިތުން ނިކުތުމުން ގޮސް ހުސްވެ، ރިޔާސީ ގަނޑުވަރުގައި އޮތް ހެލިކޮޕްޓަރެއްގައި ފިއްލަވާފަ އެވެ. އޭގެފަހުން އޭނާއަށް އޭރު އެންމެ ފުރަތަމަ ހިމާޔަތް ދިން ގައުމަކީ އަޅުގަނޑުމެންގެ ރާއްޖެ އެވެ.