ދުނިޔެ

ބަންގްލަދޭޝްގެ އެންމެ ބޮޑު މުސްލިމް ޕާޓީގެ ލީޑަރު ހައްޔަރުކޮށްފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ކުރާ މުޒާހަރާތަކުގައި ބައިވެރިވާނެކަން އިއުލާން ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް އެގައުމުގެ އެންމެ ބޮޑު މުސްލިމް ޕާޓީ --ޖަމާއަތް-އީ-އިސްލާމްގެ ލީޑަރު ޝަފީގުރް ރަހްމާން ހައްޔަރުކޮށްފި އެވެ.

ޝަފީގުރް ރަހްމާން ހައްޔަރުކޮށްފައިވަނީ އިއްޔެ ފަތިހު އޭނާގެ ގޭގައި ހުއްޓާކަމަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މައުލާނާ މައުސޫމް ވިދާޅުވި އެވެ. ޝަފީގުރް ރަހްމާން ހައްޔަރުކުރުން ކުށްވެރިކޮށް އެއްވެސް ޝަރުތަކާއި ނުލާ އޭނާ ދޫކޮށްލުމަށް ޕާޓީން ވަނީ ބޮޑުވަޒީރު ހަސީނާގެ ސަރުކާރަށް ގޮވާލާފަ އެވެ.

ޖަމާއަތް-އީ-އިސްލާމީ އިން ނެރުނު ބަޔާނެއްގައިވަނީ ހަސީނާގެ ސަރުކާރުން އެ ޕާޓީ ނެތިކޮށްލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އދއާއި ބަންގްލަދޭޝްގައި ހުންނަ ހުޅަނގުގެ އެމްބަސީތަކުން ދަނީ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަންދީ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހަސީނާގެ ސަރުކާރަށް ގޮވާލަމުންނެވެ.

ބަންގްލަދޭޝްގެ ފުލުހުން ވަނީ މިދިޔަ މަހު ރަހްމާންގެ ދަރިފުޅު ރަފާތް ސަދިކް ސައިފުﷲ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ހަރުކަށި ފިކުރުގެ އަމަލުތަކެއް ކުރިކަމުގެ ތުހުމަތުގަ އެވެ.

ދެކުނު އޭޝިއާގެ އަންނައުނު އުފެއްދުމުގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީ --ބަންގްލަދޭޝް ނެޝަނަލް ޕާޓީން ކުރާ މުޒާހަރާތައް ފެށީ ތެލާއި އާންމު ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ ގައުމު އިގްތިސާދީ އަޑިގަނޑަކަށް ވެއްޓުމާއި ގުޅިގެންނެވެ.