ދުނިޔެ

އިނގިރޭސި ހާރިޖީ އޮފީހަށް ޗައިނާގެ ސަފީރު ހާޒިރުކޮށްފި

Nov 30, 2022

ޗައިނާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި ހުންނަވާ ޗައިނާގެ ސަފީރު ޗަންގް ޒަގުއާންގް އިނގެރޭސި ހާރިޖީ އޮފީހަށް ހާޒިރުކޮށްފި އެވެ.

ޒަގުއާންގް ހާޒިރުކުރީ ކޮވިޑް 19އާ ގުޅިގެން ޗައިނާގެ ބައެއް ސިޓީ ތަކުގައި ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ޗައިނާގައި ކުރަމުންދާ މުޒާހަރާތައް ކަވަރުކުރަމުން ދިޔަ އިނގިރޭސިވިލާތަށް ނިސްބަތްވާ ބީބީސީގެ ނޫސްވެރިޔާ އެޑްވާޑް ލޯރެންސް ޗައިނާ ފުލުހުން ހައްޔަރުކުރުމާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ އަމަލެއްގެ ގޮތުގަ އެވެ.

ލޯރެންސަށް ޗައިނާ ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ބީބީސީން ބުނެފައިވެ އެވެ. މިކަމާ ގުޅިގެން އިނގިރޭސި ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ކުރިމަތިވެދާނެ ހަމަލާއެއް ނުވަތަ ގޯނާއެއްގެ ބިރަކާ ނުލައި ނޫސްވެރިން އެމީހުންގެ މަސައްކަތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައިވެސް ކްލެވާލީ ވިދާޅުވި އެވެ.

ލޯރެންސް ހައްޔަރުކުރުމަށްފަހު ދިފާއުގައި ޗައިނާ އިން ބުނެފައިވަނީ އޭނާ ހުރީ ނޫސްވެރިއެއް ކަން އަންގައިދޭ އެއްވެސް ފާހެއްގައި ނޫން ކަމަށެވެ.

ޗައިނާގެ ދިފާއު އިނގިރޭސި ސަރުކާރުން ބަލައެއް ނުގަނެވެ. އިނގިރޭސި ސަރުކާރުން ބުނީ ޗައިނާގެ ވާހަކަތަކަކީ ގަބޫލުކުރެވޭ އުޒުރެއް ނޫން ކަމަށާއި ލޯރެންސާ ދެކޮޅަށް ޗައިނާ އިން އެޅި ފިޔަވަޅަކީ ނޫސްވެރިންގެ ހައްގަށް އަރައިގަތުން ކަމަށެވެ.

ޗައިނާގެ އިނގިރޭސި ނޫސްވެރިޔަކު ހައްޔަރުކުރުމާ ގުޅިގެން އިނގެރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވަނީ ކޯފާއިސްކުރައްވާ ޗައިނާއާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުގެ ރޭ އޮތް ރަސްމިއްޔާތެއްގައި ސުނަކް ވިދާޅުވީ ޗައިނާއާއި އެކު އިނގިރޭސިވިލާތުން ދަމަހައްޓަމުން އައި "ރަން ޒަމާން"ގެ ގުޅުން ނިމިފައިވާ ކަމަށެވެ.