ދުނިޔެ

ޗައިނާއިން ދަނީ ހަނގުރާމައަށް ތައްޔާރުވަމުން: ޝީ

Nov 9, 2022

ޗައިނާއިން ހަނގުރާމައަށް ތައްޔާރުވަމުން ކަމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ދައުލަތުގެ ޓީވީ ޗެނަލް -- ޗައިނާ ސެންޓްރަލް ޓެލެވިޝަން (ސީސީޓީވީ) އިން ބުނީ ޝީ އަށް އެ ގައުމުގެ ސަލާމަތްތެރިކަމާ ދޭތެރޭ ޔަގީންކަން ނެތުމުންނާއި ނުތަނަވަސް ވެރިކަމެއް މިއަދު ކުރިމަތިވެފައިވާތީ ހަނގުރާމައަކަށް ތައްޔާރުވާން ޗައިނާއިން ފަށާފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.

ޗައިނާގެ ކުއްލި މި އިއުލާނަކީ ޗައިނާ ހިމެނޭ ސަރަހައްދުގެ ގައުމުތަކަށް ވަކިން ހާއްސަކޮށް ޗައިނާގެ ބައެއް ކަމަށް އެ ގައުމުން ދައުވާކުރަމުންދާ ޓައިވާނަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ޗައިނާ އިން ހަނގުރާމައިގެ ހާލަތެއް އިއުލާންކޮށްފައި މިވަނީ އިނގިރޭސިވިލާތުގެ ޓްރޭޑް މިނިސްޓަރު ގްރެގް ހޭންޑްސް ޓައިވާންގެ ޓައިޕޭއަށް އިއްޔެ ވަޑައިގެންފައި ވަނިކޮށެވެ. ޗައިނާ އިން ވަނީ ގްރެގްގެ މިދަތުރުފުޅާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުންވެސް ފާޅުކޮށްފަ އެވެ.

މީގެކުރިން އެމެރިކާގެ ބައެއް އިސް އޮފިޝަލުން ވެސް ތައިވާނަށް ވަޑައިގަތުމުން ޗައިނާ އިން ނުރުހުން ފާޅުކޮށްފައިވެ އެވެ. ވަކިން ހާއްސަކޮށް އެމެރިކާގެ ހައުސް ސްޕީކަރު ނޭންސީ ޕެލޯސީ ތައިވާނަށް ވަޑައިގަތުމުން ޗައިނާގެ ރުޅިވެރިކަން ވަރަށް ބޮޑުވި އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ޗައިނާ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ޗައިނާ މެދުވެރި ނުކޮށް ތައިވާނާ ރަސްމީ މުއާމަލާތްތައް ކުރުމަކީ ޗައިނާ އިން އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.