ޗައިނާއިން ކޮމަންވެލްތު ގައުމުތަކުގައި 900 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވާކަން އެމެރިކާގެ ވޮޝިންގްޓަންގައި ހުންނަ ތިންކް ޓޭންކަކުން ހާމަކޮށްފި އެވެ.
ރިޕޯޓެއް ގޮތުގައި ހާމަ ކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުން ކޮމަންވެލްތު 42 ގައުމެއްގައި ޗައިނާއިން 16 އަހަރު ވަންދެން ކުރި އިންވެސްޓްމަންޓް އެހެން ގައުމަކާ އަޅާ ނުކިޔޭހާ ބޮޑެވެ.
ކޮމަންވެލްތު މެމްބަރު ގައުމެއްގެ ގޮތުގައި އޮތް ބާބެޑޯސްގައި 2005 ން ފެށިގެން ބީޖިންއިން ކޮށްފައިވާ އިންވެސްޓްމަންޓްތައް 667 މިލިއަން ޑޮލަރާ ގާތްކުރާ ކަމަށް ވެސް އަދަދު ކޮށްފައިވެ އެވެ.
ދުނިޔޭގެ އެންމެ އާ ޖުމްހޫރިއްޔަތަށް ބާބެޑޯސް އަންނަ ހަފުތާގައި ވާނެ އެވެ. ބާބެޑޯސްގައި ޗައިނާއިން އިންވެސްޓް ކޮށްފައި ވަނީ މަގުތަކާއި ގެދޮރާއި ފެނާއި އަދި ނަރުދަމާ ނިޒާމް ގާއިމުކުރުމަށެވެ.
ޖެމެއިކާގައި ބެއިޖިން އިން 21.8 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވެ އެވެ. މިއީ ދުނިޔެ ނިދާފައި އޮއްވައި ޗައިނާއިން ގައުމުތައް ބިނާކޮށް އާބާދުކުރުމަށް އެހީވެފައި ހުރި މިންވަރެވެ.
ޗައިނާއިން ކޮމަންވެލްތު ގައުމުތަކުގައި ކޮށްފައި ހުރި އިންވެސްޓްމަންޓްތަކާ ބެހޭ ރިޕޯޓެއް އާންމުކޮށްފައި މިވަނީ ކޮމަންވެލްތު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބަދަލުގައި ބްރިޓިޝް އިންޓަނޭޝަނަލް އިންވެސްޓްމަންޓްގެ ނަމުގައި އޮނިގަނޑެއް އެކުލަވާލަން އިނގިރޭސިވިލާތުން ވިސްނަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.
އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރު ލިޒް ޓްރޫސް ވިދާޅުވި ގޮތުގައި އަލަށް އުފައްދާ އޮނިގަނޑުގެ ތެރެއިން ކޮމަންވެލްތު ގައުމުތަކުގައި އަހަރަކު 10 ބިލިއަން ޑޮލަރު އިންވެސްޓް ކުރެވޭނެ އެވެ.
އިނގިރޭސިވިލާތުގެ މިޕްލޭނަށް ގިނަ ބަޔަކު މަރުހަބާ ކިޔަމުން ދާއިރު، ލަންޑަނުން އިސްނަގައިގެން މިވަރުގެ ކަމެއް ކުރަން އެހާ ގިނަ ދުވަސް ނެގީ ކީއްވެތޯ ފާޑުކިޔާ މީހުން ގެންދަނީ ސުވާލު ކުރަމުންނެވެ.
ޗައިނާގެ މައްޗަށް އިނގިރޭސިންނަށް ކުރި ނުހޯދުނީ ކީއްވެތޯ ސިޔާސީ ލީޑަރުން ސުވާލުކުރެ އެވެ. ގައުމުތަކުގެ މަޝްރަހު އަންދާޒާކުރަން ހަވާލުވެފައި ތިބި މީހުން ފިނިކޮޓަރީގައި ނިދާފައި ތިއްބައި ޗައިނާ އެއޮތީ ދުވަހަކު ވެސް އަތުނުޖެހޭ ހިސާބުގައި ކަމަށް ވެސް އެމީހުން ބުނެ އެވެ.