ދުނިޔެ

ޔޫކޭ ޗައިނާ އެމްބެސެޑަރު ހާޒިރުކޮށްފި

އިނގިރޭސިވިލާތުން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ކެރޮލީން ވިލްސަން ޗައިނާ ފޮރިން މިނިސްޓްރީއަށް ހާޒިރު ކޮށްފި އެވެ. އޭނާ ހާޒިރުކުރީ ބްރިޓިޝް އެމްބަސީ ވިޗެޓް އެކައުންޓްގައި ލިޔުމެއް ޝާއިއު ކުރައްވައިގެންނެވެ. ލިޔުމުގައި އެމްބެސެޑަރު ވަނީ ބައިނަލްއްގަވާމީ މީޑިއާގައި ޗައިނާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ދިފާއުކުރައްވައި ހިތްވަރު ދެއްވާފަ އެވެ.

ޗައިނާއާ އިނގިރޭސިވިލާތާ ދެމެދު މިހާރު ޖެހިގެން އުޅޭ ކުންޏަކީ ޔޫކޭގައި ހިންގާ ޗައިނާ ގްލޯބަލް ޓެލްވިޒަން ނެޓްވޯކް (ސީޖީޓީއެން) ގެ ހުއްދަ ޔޫކޭ ރެގިއުލޭޓަރުން ބާތިލުކުރުމެވެ. އަދި މިކަމާ ގުޅިގެން ޗައިނާގައި ބީބީސީ މަނާކުރުމެވެ. ޔޫކޭއިން ބުނީ ސީޖީޓީއެން އަކީ ޗައިނީޒް ކޮމިއުނިސްޓް ޕާޓީން ކޮންޓްރޯލްކުރާ ނެޓްވޯކެއް ކަމަށެވެ. ޗައިނާއިން ބުނީ ބީބީސީން ފަތުރަނީ ފޭކް ޚަބަރު ކަމަށެވެ.

ޔޫކެ އެމްބެސެޑަރު ހާޒިރުކުރުމަށް ފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އެ ލިޔުމަކީ ޑިޕްލޮމެޓިކް އޮފިސަރެއްގެ ކިބައިން ފެނުމަށް އުންމީދުނުކުރާ އަމަލެއް" ކަމަށެވެ.

ލިޔުމުގައި ވިލްސަން މައިގަނޑު ގޮތެއްގައި ވިދާޅުވެފައި ވަނީ ސަރުކާރު ހިންގަން ތިބޭ މީހުން ކުރާ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދައި މީޑިއާއިން ފަތުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތަކަށް ޒިންމާކުރުވެންޖެހޭ ކަމަށާއި ހައްގު ގެއްލިފައިވާ މީހުންގެ ފަރާތުން ވަކާލާތުކޮށްދޭންޖެހޭ ކަމަށެވެ.

ވިލްސަން ވަނީ ބީބީސީ އަދި އެފަދައިން ޗައިނާއާ ބެހޭ ގޮތުން ވާހަކަދައްކާ މީޑިއާތައް ދިފާއުކުރައްވާފަ އެވެ. ޗައިނާއިން އަބަދު ވެސް ބުނަނީ ބީބީސީއާ ސީއެންއެން އަކީ ދޮގު ޚަބަރު ފަތުރާ އޭޖެންސީތަކެއް ކަމަށެވެ.

ވީޗެޓްގައި ޗައިނާ ބަހުން ލިޔުން ޝާއިއުކުރެއްވުމަށް ފަހު ވިލްސަން ވަނީ ޓްވިޓާގައި ވެސް ޝަކުވާކުރައްވާފަ އެވެ. ވިދާޅުވީ އޭނާގެ "އާޓިކަލް ވީޗެޓްގައި ޝެއާކުރުމުގެ ހުއްދަ ނެތް" ކަމަށެވެ.