ޗައިނާ ސަރުކާރުން ކޮވިޑް-19އާ ދެކޮޅަށް ކަމަށް ބުނެ އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ކުރަމުންދާ މުޒާހަރާ އެގައުމުގެ އެތައް ސަރަހައްދަކަށް ފުޅާކޮށްފި އެވެ.
މުޒާހަރާ މިދިޔަ ހޮނިހިރު ދުވަހު ފެށީ ޗައިނާގެ ހުޅަނގުގައިވާ ޝިންޖޭންގް ޕޮރޮވިންސުގެ ވެރިރަށް އުރުމްޗީގައި މިދިޔަ ބުރާސްފަތި ހިނގި އަލިފާނުގެ ހާދިސާއެއްގާ 10 މީހުން މަރުވުމާ ގުޅިގެންނެވެ.
މުޒާހަރާ ކުރާ މީހުން ތުހުމަތުގައި މިހާދިސާގައި 10 މީހުން މަރުވީ ޗައިނާ ސަރުކާރުން ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އަލިފާން ރޯވި މީހުން ދިރިއުޅޭ ސަރަހައްދުން ކުއްލި ހާލަތުގައި ނިކުތުމަށް އެމީހުންނަށް ދިމާވި ހުރަސްތަކުގެ ސަބަބުންނެވެ. އެހެންވެ މަރުވީ މީހުންގެ މަރުގެ ތުހުމަތު މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ ބޮލުގައި އަޅުވާފަ އެވެ.
ތުހުމަތުތައް ދޮގު ކުރަމުން ޗައިނާ ސަރުކާރުން ބުނެފައިވަނީ ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސިއްހީ ފަރުވާ ބޭނުންވާ ހާލަތުގައި އާއި ކުއްލި ހާލަތްތަކުގައި ބޭރަށް ނިކުތުމަށް ހާއްސަ ހުއްދައެއް އެންމެންނަށްވެސް އޮންނާނެ ކަމަށެވެ.
މުޒާހަރާ ކުރާ މީހުން ގެންދަނީ ޗައިނާގެ ރައީސް ޝީ ވެރިކަމުން ފޭބުމަށާއި، އެގައުމުގެ ކޮމިއުނިސްޓް ޕާޓީ ވެރިކަމުގެ ބާރުތައް ނިމުމަކަށް ގެނައުމަށް ގޮވާލަމުންނެވެ. މުޒާހަރާތައް ފުޅާކޮށް ޗައިނާގެ ވުހާން އަދި ޗަންޑޫގައި ވެސް މިހާރު އެތައް ބަޔަކު ގެންދަނީ މުޒަހަރާ ކުރަމުންނެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގެ ޗިންހުވާ ޔުނިވާސިޓީގައި ކިޔަވަމުންދާ ދަރިވަރުން ވެސް އިއްޔެ ވަނީ މުޒާހަރާ އަށް ނިކުމެފަ އެވެ. މުޒާހަރާގައި ބައިވެރިވި އެތައް ސަތޭކަ ދަރިވަރުން ވަނީ ޗައިނާއަށް ޑިމޮކްރަސީ ތައާރަފް ކުރުމަށް ގޮވާލާފަ އެވެ. ޗައިނާ ސަރުކާރުގެ އަނިޔާވެރި އަތްދަށުން މިނިވަންކަން ބޭނުންވާ ކަމަށްވެސް ދަރިވަރުން ގޮވާލާފައިވެ އެވެ.
ޝެންހާއީގައި ވެސް އިއްޔެ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ. ހުސް ގަނޑުތަކެއް ހިފައިގެން ތިބެ ބަޔަކު މުޒާހަރާކުރީ ޗައިނާގައި ހިޔާލު ފާޅުކުރުމުގެ ހައްގު ނެތް ކަމަށް ބުނެ އެވެ. މި މުޒާހަރާ ކަވަރުކުރަމުން ދިޔަ ބީބީސީގެ ރިޕޯޓަރަކު ބަހަށް އަރުވައިގެން ގެންދިޔަ މަންޒަރު ވެސް ބައެއް މީޑިއާތަކުން ދައްކާފައިވެ އެވެ.
ބީބީސީގެ ތަރުޖަމާނު މައުލޫމާތު ދިން ގޮތުގައި އެއީ އެ ކުންފުނީގެ ނޫސްވެރިޔާ އެޑް ލޯރެންސެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ އެތައް ގަޑީއިރެއް ވަންދެން ބަންދުގައި ބަހައްޓާ، އަނިޔާކޮށްފައިވާ ކަމަށް ބީބީސީން ތުހުމަތުކުރެ އެވެ.
ޗައިނާގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް ހަރުކަށި އަދަބުތައް ދޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ. ޗައިނާގެ ރައީސް ޝީގެ ބާރުގެ ދަށުގައި އެ ގައުމުގެ އަސްކަރިއްޔާ އޮތުމުން ޝީގެ ވެރިކަމުން ވައްޓާ ނުލެވޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.