ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ މައްޗަށް 2008 ވަނަ އަހަރު ސާބިތުކޮށްފައިވާ ހިޔާނާތުގެ ކުށްތައް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
މިއަދު ނެރުނު ހުކުމުގައި ބަޔާންކޮށްފައިވަނީ ހާލިދާ ޒިޔާގެ މައްޗަށް އެ ކުށްތައް ސާބިތުވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ހާލިދާ ޒިޔާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ބަންގްލަދޭޝްގެ ޔަތީމްޚާނާއަކަށް ބޭރުގެ އެހީގެ ގޮތުގައި ލިބުނު 173,000 ޑޮލަރަށް ހިޔާނާތްތެރިވި ކަމަށެވެ.
މި މައްސަލައިގައި 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ހައި ކޯޓުން ވަނީ ހާލިދާ ޒިޔާއާއި އޭނާގެ ދަރިކަލުން ތޯރިގު ރަހްމާނާއި އިތުރު ބަޔަކު ކުށްވެރިވާ ކަމަށް ނިންމައި، ހާލިދާ ޒިޔާ 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.
ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައިވަނީ ހައި ކޯޓުގެ ހުކުމް ބާޠިލުކޮށް، ހާލިދާ ޒިޔާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފަ އެވެ. މި ނިންމުމާ ގުޅިގެން ކުރިއަށް އޮތް ބަންގްލަދޭޝްގެ އާންމު އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހާލިދާ ޒިޔާއަށް ލިބިވަޑައިގަތުމަށް މަގުފަހިވެގެން ދާނެ ކަމަށް ބެލެވެ އެވެ.
މި މައްސަލަ ހިނގަމުން ދިޔައިރު ބަންގްލަދޭޝްގެ ވެރިކަމުގައި ހުންނެވީ ޚާލިދާ ޒިޔާގެ ސިޔާސީ ވާދަވެރިޔާ ކަމުގައިވާ ޝައިޚް ހަސީނާ އެވެ.