ޑާކާ، (ބަންގަލަދޭޝް) - ބަންގްލަދޭޝްގެ ދީނީ މަދަރުސާއެއްގައި ކިޔަވާ އަންހެން ދަރިވަރެއްގެ ގައިގައި އަލިފާން ރޯކޮށްލައި އޭނާ މަރާލައިފިއެވެ. ކަރާސީނު އަޅައި ރޯކޮށް އޭނާ އަންދާލީ މިކަން ސްކޫލް ޕްރިންސިޕަލް އޭނާއަށް ޖިންސީ ގޯނާކުރި ވާހަކައެއް ރިޕޯޓުކުރުމުންނެވެ.
ނުސްރަތު މަރުވެފައި ވަނީ މި މަހުގެ 10 ގައެވެ. ފުލުހުން މި ހާދިސާގެ މައުލޫމާތު ހާމަކުރީ މިއަދުއެވެ.
އުމުރުން 18 އަހަރުގެ ނުސްރަތު ޖަހާން މަރާލި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދާނެ ކަމަށް ބޮޑު ވަޒީރު ޝައިހު ހަސީނާ ވިދާޅުވެފައިވާއިރު ނުސްރަތުގެ މަރަށް ފަހު އެނާއަށް އިންސާފު ހޯދައި ދިނުމަށް ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި މުޒާހަރާތަކެއް ވެސް ވަނޫ ފަށާފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިންސިޕަލާ ދެކޮޅަށް ނުސްރަތު ރިޕޯޓް ކުރުމުން މަދަރުސާގެ ޓެރަސް މައްޗަށް ނުސްރަތު ގެންގޮސް ޕްރިންސިޕަލާ ދެކޮޅަށް ހުށަހެޅި މައްސަލަ ނަގަން އެންގުމުން އެކަމަށް އިންކާރު ކުރުމާއެކު ގަޔަށް ކަރާސީނު ޖަހައި ރޯކޮށްލީއެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. އޭރު އޭނާގެ ހަށިގަނޑުގެ 80 ވަނީ ފިހި މާއަރާފަ އެވެ.
ބަންގުލަދޭޝްގައި މި މައްސަލަ އިންވެސްޓިގޭޓް ކުރުމުގައި އުޅުއްވާ ޕޮލިސް ސުޕްރިންޓެންޑެންޓް މުޙައްމަދު އިޤްބާލު ވިދާޅުވީ މި މައްސަލާގައި 17 މީހަކު ހައްޔަރުކޮށްފައިވާއިރު އެކަކުން ކުރީ ޕްރިންސިޕަލްގެ އެދުމަށް ކަމަށް އެކަކު ބަޔާނެއް ދީފައިވާ ކަމަށެވެ.
ނުސްރަތު ކިޔަވަމުން ދިޔަ ސްކޫލަކީ ޑާކާގެ ދެކުނުން 160 ކިލޯމީޓަރު ދުރުގައި އޮންނަ ފެނީގެ ސްކޫލެކެވެ. ޕްރިންސިޕަލާއި ނުސްރަތާ ދެމެދު ހާދިސާއެއް އައީ މިދިއަ މާރިޗު މަހުގެ 27 ވަނަ ދުވަހު އެވެ.