ދުނިޔެ

އަފްޣާނިސްތާންގެ ބޮމުގެ ހަމަލާގައި ހަތް މީހަކު މަރުވެއްޖެ

އަފްޣާނިސްތާނުގެ އުތުރުގައިވާ މަޒާރީޝަރީފްގެ މަގުމަތީގައި ބޮމެއް ގޮއްވާލުމާ ގުޅިގެން ހަތް މީހަކު މަރުވެއްޖެ އެވެ.

މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ބަހެއްގައި ތިބި ޕެޓްރޯލް ކުންފުންޏަކަށް ނިސްބަތްވާ ބަޔަކު ކަމަށް ކަމާ ގުޅޭ އިދާރާތަކުން މައުލޫމާތު ދީފައިވެ އެވެ.

މަޒާރީޝަރީފްގެ ބަލްޚު ޕްރޮވިންސުގެ ޕުލުހުންގެ ޑިޕާޓްމަންޓްގެ އިސް ބޭފުޅެއް ކަމުގައިވާ އާސިފް ވަޒީރީ ވިދާޅުވީ ބޮން ބާއްވާފައި އޮތީ މަގުގެ އެއްފަރާތެއްގައި ކަމަށެވެ. އިއްޔެ ދިން މި ހަމަލާގައި ބޮން ގޮއްވާލީ ބަސް އެހިސާބަށް އެރުމުންނެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.

ބޮމުގެ ހަމަލާއެއް ދީފައި މިވަނީ އެތައް އަހަރެއްގެ ހަނގުރާމަތަކަކަށް ފަހު ގައުމަށް ރައްކާތެރިކަން ހޯދައިދޭނޭ ކަމަށް ވެރިކަން ކުރާ ތާލިބާނުގެ އިސްވެރިން ރައްޔިތުންނަށް ޔަގީންކަން ދީފައި ވަނިކޮށެވެ.،

އަފްޣާނިސްތާނުގެ ސަމަންގަން ޕްރޮވިންސުގެ އައިބަކް ސިޓީގައި ހުންނަ މަދަރުސާއެއްގައި މިދިޔަ މަހު ވެސް ބޮމެއް ގޮއްވާލި އެވެ. މިހަމަލާގައި 19 މީހުން މަރުވެ 24 މީހުން ޒަހަމުވެފައިވެ އެވެ.

އޭގެކުރިން އޮކްޓޯބަރު މަހު އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީ އިމާރާތުގެ އެތެރޭގައި ހަށިގަނޑު ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާއެއްގައި ވެސް ހަތަރު މީހަކު މަރާލާފައިވެ އެވެ.

މިދިޔަ މެއި މަހުވެސް ވަނީ މަޒާރީޝަރީފްގައި ދިން ސިލްސިލާ ހަމަލާތަކެއްގައި ނުވަ މީހަކު މަރާލާފަ އެވެ. އެ ހަމަލާތަކާއި ދާދި އެއް ވަގުތެއްގައި ވެރިރަށް ކާބުލްގެ މިސްކިތަކަށް ދިން ހަމަލާއެއްގައިވެސް ދެ މީހަކު މަރުވެފައިވެ އެވެ.

މަޒާރީޝަރީފްގައި މެއި މަހު ދިން ހަމަލާގެ ޒިންމާ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ގްރޫޕުން ވަނީ ނަގާފަ އެވެ.