ދުނިޔެ

އަފްޣާނިސްތާނުގައި އަންހެނުން މަސައްކަތަށް ނިކުތުން މަނާކޮށްފި

އަފްޣާނިސްތާނުގާ ހިންގަމުންދާ ޖަމިއްޔާ ޖަމާއަތް ތަކުގައި މަސައްކަތްކުރަމުންދާ އަންހެނުން ވަޒީފާއިން ވަކިކުރުމަށް ތާލިބާން ސަރުކާރުން އަމުރުކޮށްފި އެވެ.

އަފްޣާނިސްތާނުގެ އިކޮނޮމިކް މިނިސްޓްރީން ޝާއިއުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން އަންހެނުން މަސައްކަތުގެ މައިދާނަށް ނިކުތުން މަނާކުރީ ތާލިބާނު ސަރުކާރުން ގަބޫލުކުރާ ހެދުން އެޅުމުގެ މިންގަނޑަށް ހެދުން އަޅާފައި ނުހުންނާތީ އެވެ.

ލިޔުމުގައިވާ އަމުރުތަކަކީ ސަރުކާރުގެ ނިންމުންތަކެއް ކަމަށް އެ މިނިސްޓްރީގެ ތަރުޖަމާނު އަބްދުލްރަހްމާން ހަބީބް ޔަގީންކޮށްދެއްވާފައިވެ އެވެ.

އަފްޣާން ސަރުކާރުގެ ލިޔުން އޮތް ގޮތުން އަމުރާ އެއްގޮތަށް މަސައްކަތްކުރަން ލާޒިމް ވަނީ އެ ގައުމަށް ނިސްބަތްވާ ޖަމިއްޔާ ޖަމާއަތްތަކުގައި މަސައްކަތް ކުރާ އަންހެނުންނަށް އެކަންޏެއް ނޫނެވެ. އެ ގައުމުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގައި މަސައްކަތް ކުރާ އަންހެނުން ވެސް އަމުރާ އެއްގޮތަށް އަމަލުކުރަންޖެހެ އެވެ. އަމުރާ ހިލާފުވާ ޖަމިއްޔާތަކުގެ ހުއްދަ ބާތިލްކުރާނެ ކަމަށްވެސް އަމުރުގައިވެ އެވެ.

ހަބީބް ވިދާޅުވީ އަފްޣާން ސަރުކާރުގެ ނިންމުމުގެ ސަބަބުން އދ އިން އަފްގާނިސްތާންގައި ހިންގާ އެޖެންސީތަކާއި އެމީހުންގެ މަސައްކަތްތަކަށް ބުރޫއަރައިގެން ނުދާނެ ކަމަށެވެ. އެކަމަކު އެ ގައުމުގައި އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ 180 އަށް ވުރެ ގިނަ ޖަމިއްޔާތަކަށް މިއަމުރު ތަންފީޒު ކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަފްޣާނިސްތާންގައި ހިންގާ ޖަމިއްޔާތަކުގައި މަސައްކަތްކުރަމުންދާ އަންހެނުން ވަޒީފާއިން ވަކިކުރުމަށް ތާލިބާނުން އަމުރުކޮށްފައި މިވަނީ އެ ގައުމުގެ ޔުނިވާސިޓީތަކުގައި އަންހެން ދަރިވަރުންނަށް ކިޔަވައިދިނުން މަނާކުރިތާ މާގިނަ ދުވަހެއް ނުވަނީހެވެ. އަންހެނުންގެ އިލްމީ ކުރިއެރުމަށް ހުރަސްއެޅުމުގެ ގޮތުން ތާލިބާން ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ތާލިބާން ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ބަޔަކު މުޒާހަރާވެސް ކޮށްފައިވެ އެވެ.