ދުނިޔެ

އަފްޣާން އަންހެނުން މަތީ ތައުލީމު ހޯދުމުގައި އެހީތެރިވެވިދާނެ: އީރާން

އަފްޣާނިސްތާނުގެ އަންހެނުން މަތީ ތައުލީމް ހޯދަން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް އީރާނުން ބުނެފި އެވެ.

އީރާންގެ އިދާރާތަކުން މިހެން ބުނި ސަބަބަކީ އަފްޣާން އަންހެން ކުދިންނާއި އަންހެނުން ޔުނިވާސިޓީ ޑިގްރީ ހެދުން ތާލިބާން ސަރުކާރުން މަނާކުރުމުންނެވެ. ތާލިބާނުން ދެކޭ ގޮތުގައި އަންހެނުން މަތީ ތައުލީމް ހާސިލްކުރުމަކީ އޮންނަ ކަމެއް ނޫނެވެ.

އީރާންގެ ވިމެން އެންޑް ފެމެލީ އެފެއާޒްގެ ނައިބް ރައީސް، އިންސައިހް ޚަޒާ އަލީ ވިދާޅުވި ގޮތުގައި އަފްޣާންގެ އަންހެން ދަރިންނަށް ތައުލީމް ލިބޭނެ ގޮތް ހޯދައި ދިނުމަކީ އީރާނަށް ލިބޭނެ ވަރަށް ބޮޑު ޝަރަފަކަށް ވާނެ އެވެ.

އަފްޣާންގައި ތާލިބާން ސަރުކާރުން ހިންގާ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އަމިއްލަ އަދި އާންމު ޔުނިވާސިޓީތަކަށް ފޮނުވި ސިތީއެއްގައި ބުނެފައި ވަނީ -- ވަކި ގޮތަކަށް އަންގަންދެން އަންހެން ކުދިންނަށާއި އަންހެނުންނަށް -- މަތީ ތައުލީމަށް ކިޔަވައިދިނުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި އަންގާފައިވާ ގޮތް ނޫން ގޮތަކަށް ޔުނިވާސިޓީތައް ހިންގުމަކީ އަދަބު ކަނޑައެޅިފައި އޮތް ކަމެއް ކަމަށް ވެސް ސިޓީގައި ބުނެ ވަނީ އަންގާފަ އެވެ.

ޚަޒާ އަލީ ވިދާޅުވި ގޮތުގައި އަފްޣާން ރެފިއުޖީ އަންހެނުންނަށް ތައުލީމު ދިނުމަށް އީރާން ސަރުކާރުން ނިންމައި އަންގާފައިވާ ކަމަށެވެ. އަދި ތައުލީމީ ދައުރުގައި ދިމާވާ އެހެނިހެން ތަކުލީފުތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތާލިބާން ސަރުކާރުން މިދިޔަ ހޮނިހިރު ދުވަހު ބަޔާނެއް ނެރެ -- އަންހެނުން މަސައްކަތްކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ތާލިބާނުންގެ އެންގުމުގައި އޮތީ ސަރުކާރަށް ނިސްބަތްނުވާ އެއްވެސް ޖަމިއްޔާއެއްގައި އަންހެނުން މަސައްކަތްކުރުމަކީ -- މި އަމުރު ދެމިއޮތްހައި ހިނދަކު މަނާކަމެއް ކަމަށެވެ.

އަފްޣާނިސްތާނުގެ ވެރިކަން ތާލިބާނުން ޖަހައިގަތީ އޮގަސްޓް 2021 އެވެ. އެއަށް ފަހު އަފްޣާންގެ އިގުތިސާދީ ހާލަތު އިހުނަށް ވުރެ ވަނީ ގޯސްވެފަ އެވެ. އާމްދަނީ ލިބެން ހުރި ވަސީލަތްތައް އެހާ މަދުއިރު އެކުވެރި ގައުމުތަކުން ލިބޭ އެހީ އެކައްޗަކަށް ވެސް އޮންނަނީ ނުވެފަ އެވެ.

ދުނިޔެ ބަލައިގަންނަ ގައުމަކަށް އަފްޣާން ހެދުމަށްޓަކައި ތާލިބާނުންނަށް އޮތް ޝަރުތަކީ އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމާއި ބައިހަދައިގެން ހިންގާ ޓެރަރިސްޓް ގުރޫޕްތަކަށް މަދަދުވެރި ނުވުމެވެ.

މިއިން އެއްވެސް ކަމަކީ ތާލިބާނުންނަށް ބަލައިގަންނަން ފަސޭހަ ކަމަކަށް އޮތީ ނުވެފަ އެވެ.