އަލްގައިދާގެ ލީޑަރު އައިމަން އަލް-ޒަވާހިރީއަށް ތާލިބާނުން ހިމާޔަތް ދީ އަފްޣާންގައި ފޮރުވައިގެން ގެންގުޅޭ ކަމަށް ބުނެ މީޑިއާގައި ދެކެވުނު ވާހަކަތަކަށް ތާލިބާނުންގެ ތަރުޖަމާން މުހައްމަދު ނައީމު ރައްދު ދެއްވައިފި އެވެ. ނައީމް ވިދާޅުވި ގޮގުގައި އަލްގައީދާއަށް ނިސްބަތްވާ އެކަކަށް ވެސް ތާލިބާނުން ހިމާޔަތް ނުދެ އެވެ.
އުސާމާ ބިން ލާދިން މަރާލުމުން އަލްގައިދާގެ ލީޑަރުކަމާ ހަވާލުވީ އައިމަން އަލް-ޒަވާހިރީ އެވެ. އޭނާއަކީ ދޭތެރެ ދޭތެރެއިން ފެނި ގެއްލޭ މީހެކެވެ. އޭނާއާ ބެހޭ ގޮތުން މީޑިއާގައި ޚަބަރުތައް ހުންނަނީ މިކަހަލަ ގޮތަކަށެވެ. އެމެރިކާއާ ވިލާތުގެ ހަމަލާއެއްގައި އޭނާ ބައެއް ފަހަރު މަރުވެ އެވެ. ބައެއް ފަހަރު ބިންފަޅައި އަރައި އެމެރިކާއަށާއި ހުޅަނގަށް އިންޒާރު ދެ އެވެ.
ޒަވާހިރީ މަރުވެފައިވާ ކަމަށް އެމެރިކާއިން ބުނެގެން އުޅެނިކޮށް އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް 20 އަހަރު ފުރުމާ ދިމާކޮށް އޭނާ ވަނީ ފުންމައިގެން ތެދުވެ ހެލިފެލިވެ އުޅޭތަން ވީޑިއޯއަކުން ދައްކާފަ އެވެ. އިންޓެލިޖެންސް އޮފިސަރުން ބުނާ ގޮތުން އެއީ މިދާކަށް ދުވަހު ރެކޯޑްކޮށްފައި ހުރި ވީޑިއޯއެއް ނޫނެވެ.
މުހައްމަދު ނައީމް ވިދާޅުވީ ތާލިބާނުންނާ އަލްގައިދާއާ ބަދަހި ގުޅުމެއް ނޯވެ އެވެ. އޭނާ ވިދާޅުވި ގޮތުން އެމެރިކާއަށް ޖާސޫސް ކޮށްދޭ މީހުން ތާލިބާނުންގެ ބޮލުގައި އެ އަޅުވަނީ ދޮގު އިލްޒާމެވެ. އެއީ ގައުމުތަކުން ތާލިބާނުންނަށް ފުރުސަތު ދީފާނެތީ ކަމަށް ނައީމް ވިދާލުވި އެވެ.
އެމެރިކާ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ސީއައިއޭ ޑައިރެކްޓަރުކަން ކުރެއްވި މައިކަލް މޮރެލް ސީބީއެސްއަށް ވިދާޅުވި ގޮތުގައި ޒަވާހިރީ އަފްޣާންގައި އެބައުޅެ އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހީވޭ ތާލިބާނުން ޒަވާހިރީ ފޮރުވައިގެން ގެންގުޅޭހެން،" މައިކަލް މޮރެލް ވިދާޅުވި އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ނުދެއްވައި މޮރެލް ވިދާޅުވީ ޒަވާހިރީ އަފްޣާންގައި އުޅޭކަން ބަލަންޖެހޭ ކަމަށެވެ.
ޒަވާހިރީ މަރުވެއްޖެ ކަމަށް އިންޓެލިޖެސް އޭޖެންސީތަކުން ބުނާއިރު ދައްކާނެ މާގިނަ ހެކިތަކެއް ނުހުރެ އެވެ. އަނެއްކޮޅުން އިންޓެލިޖެންސުން ދައްކާ ވާހަކަތަކާއި އާންމު ހާލަތްތަކުގައި ފެންނަ މަންޒަރު ދެކޮޅު ޖައްސާނެ ގޮތެއް ވެސް ނޯވެ އެވެ.
ތާލިބާނުންނާ އަލްގައީދާއާ އަޅުވައި އެއްބައެއް / އެއްފިކުރެއް ގޮތުގައި ދައްކަން މަސައްކަތްކުރާ ބަޔަކު އުޅޭތީ ތާލިބާނުން ތިބީ އެކަން ވަރަށް ކަމުނުގޮސްފަ އެވެ. ތާލިބާނުން އަބަދުވެސް ބުނަނީ އަލްގައިދާއަކީ ދީނުން ބޭރުވެފައި ތިބި ބައެއް ކަމަށާއި އަލްގައީދާއަށް ތާލިބާނުން ކަމުނުދަނީ އެހެންވެ ކަމަށެވެ.