ދުނިޔެ

އަފްޣާން މިސްކިތެއްގައި ބޮމެއް ގޮއްވާލައި 100 މަރު

އަފްޣާނިސްތާންގެ ކުންދޫޒް މިސްކިތެއްގައި ބޮމެއް ގޮއްވާލައިފި އެވެ. ހުކުރު ދުވަހު ހުކުރު ގަޑީގައި ގޮއްވާލި ބާރުގަދަ ބޮމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެ އެއަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޚަބަރު ރިޕޯތްތައް ބުނެ އެވެ. މިއީ ބައި މަދު ޝީއީން އަޅުކަން ކުރަން ހާއްސަ ކޮށްފައި ހުންނަ މިސްކިތެކެވެ.

އަފްޣާންގެ ވެރިކަން ތާލިބާނުން "ޖަހައިގަތް" ފަހުން މިސްކިތްތަކަށާއި އާންުމުންނަށް އަމާޒުކުރާ ބޮމުގެ ހަމަލާތައް އަންނަނީ އިތުރުވަމުންނެވެ. ހުކުރު ދުވަހު ސައްޔިދުއާބާދު ގްރޭންޑް މޮސްކް، މިސްކިތަށް ދިން ހަމަލާގެ ޒިންމާ އައިސިސް ޖަމާއަތުން ވަނީ އުފުލާފަ އެވެ.

ކުންދޫޒް މިސްކިތަށް ހަމަލާ ދިނީ އައިސިސް ޖަމާއާތާ ގުޅުން އޮންނަ ގުރޫޕަކުންކަން ކުރިން ވެސް އޮތީ ލަފާކުރެވި އެވެ. އަފްޣާނަށް ތާލިބާނުން ވެރިވެގަތް ފަހުން އައިސިސްއަށް މަދަދުވެރިވާ ގުރޫޕްތަކުން ގެންދަނީ އަފްޣާންގެ އެކި ތަންތަނަށް ބޮން އަޅައި ޖާނު ގޮއްވަމުންނެވެ.

މިސްކިތުގައި ޖާނު ގޮއްވާލައިގެން ހަމަލާ ދޭން ރޭވި ބަޔަކު ވިސްނާފައި އޮތީ ވީހާވެސް ގިނަ ބަޔަކު މަރާލަން ކަމަށް ތާލިބާނުންގެ ވެރިކަމުގައި ކުންދޫޒްގެ އިންފޮމޭޝަން އެންޑް ކަލްޗާ ޑިޕާޓްމަންޓް ބެލެހެއްޓުމާ ހަވާލުވެ ވަޑައިގެން ހުންނެވި މަތީއުﷲ ރޫހާނީ ވިދާޅުވި އެވެ.

ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުން ޖާނު ގޮއްލާމި މީހާ ބޮން ގޮއްވާފައި ވަނީ މިސްކިތް ތެރެއަށް ވަދެ މީހުން އެންމެ ގިނަ ސަފުތަކާ ހިސާބުގައި ހުރެ އެވެ.

ކާބުލްގެ މިސްކިތެއްގައި ވެސް މިދާކަށް ދުވަހު ވަނީ ބޮމެއް ގޮއްވާލައި 12 މީހުން މަރާލާފަ އެވެ. މިހަމަލާގައި 32 މީހަކު ސީރިއަސް ހާލަތުގައި ހޮސްޕިޓަށް ގެންދިއަ ކަމަށް ޚަބަރުތައް ބުނެ އެވެ.

އަފްޣާންގައި ތިބި ބޭރު ގައުމުތަކުގެ މީހުން އެ ގައުމުން ފައިބަން ފެށިތަނުން ތާލިބާނުން ވަނީ އަފްޣާނަށް އަތްގަދަކޮށްފަ އެވެ. އަދި އޮގަސްޓް 15 ގައި އަފްޣާންގެ ވެރިރަށް ކާބުލް ހިފައި ތާލިބާނުން ބުނި ގޮތުން އޮތީ ހަނގުރާމަ ނިމިފަ އެވެ.

އަފްޣާންގައި ވެރިކަން ކުރަން ތާލިބާނުން ކުރި މަސައްކަތުން ގައުމު މިނިވަން ކުރެވިއްޖެކަން އިއުލާން ކުރުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގުރޫޕްތަކުން ގެންދަނީ އަފްޣާނަށް ލޯ އަޅަމުންނެވެ.