ތާލިބާނުންގެ ވެރިކަމެއްގައި އަފްޣާނިސްތާން ވާނީ އަލްގައިދާ ކަހަލަ ޓެރަރިސްޓް ޖަމާއަތްތަކަށް ފަސޭހަ ގައުމަކަށް ކަމަށާއި އަލްގައިދާ އިހުނަށް ވުރެ ގަދަފަދަ ވެގަންނާނެ ކަމަށް އެމެރިކާގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ލީއޯން ޕަނެއްޓާ ވިދާޅު ވެއްޖެ އެވެ.
ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ޕަނެއްޓާ ވިދާޅުވީ އަލްގައިދާއާ ހަނގުރާމަ ކުރަން އެމެރިކާ ސިފައިން އަފްޣާނަށް އަދި ފޮނުވަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ލީއޯން އެޑްވާޑް ޕަނެޓާ ނިސްބަތްވެ ވަޑައިގަންނަވަނީ ޑިމޮކްރެޓިކް ޕާޓީއަށެވެ. އޭނާ އަދާ ކުރެއްވި މަގާމުތަކުގެ ތެރޭގައި ސެކްރެޓަރީ އޮފް ޑިފެންސާއި ޑައިރެކްޓަރު އޮފް ސީއަައިއޭ، ވައިޓް ހައުސް ޗީފް އޮފް ސްޓާފް އަދި ބަޖެޓް މެނޭޖްމަންޓް އޮފީހުގެ ޑައިރެކްޓަރުކަން ހިމެނެ އެވެ.
ޕަނެޓާ ވިދާޅުވި ގޮތުން އަފްޣާންގައި އަލްގައިދާ އާއި އައިސިސް / ދާއިޝް ފެތުރިގަންނާނެ އެވެ. އެހެން ކަމުން ޓެރަރިސްޓް ގުރޫޕްތައް ނައްތާލެވުނީ ކަމަށް އެމެރިކާ ދެކިގެން ނުވާނެ އެވެ. އޭނާ ވިދާޅުވީ އަލްގައިދާ އާއި އައިސިސްއާ ދެކޮޅަށް ހަނގުރާމަ ކުރަން އަލުން ދާންޖެހޭނެ ކަމަށް ބުނަން ކެރެނީ އެމެރިކާ ސިފައިންނަށް ޓެރަރިސްޓް ގުރޫޕްތައް ބަލި ކުރެވިފައި ނުވާތީ ކަމަށެވެ.
"އަޅުގަނޑަށް ވެސް އެނގޭ އެމެރިކާ ސިފައިން އަފްޣާނުން ބާލަން ޖެހޭކަން،" ޕެނެޓާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގެ މައިދާނަކުން ފޭބިދާނެ ކަމަށާއި އެކަމަކު ޓެރަރިޒަމާ ދެކޮޅަށް ކުރަން ޖެހޭ ހަނގުރާމަ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.
އަފްޣާނިސްތާނުން ޓެރަރިޒަމް ނައްތާލަން ކަމަށް ބުނެ އެމެރިކާ ސިފައިން އެ ގައުމުގައި ވިއްސަކަށް އަހަރު ހޭދަ ކޮށްފި އެވެ. އެމެރިކާއަށް ހީވެފައި އޮތީ އެމީހުން ކުރަން ގަސްދުކުރި މަސައްކަތް އެ މުއްދަތުގެ ތެރޭގައި ކޮޅެއްގައި ޖައްސައި ނިމިފައި އޮތް ކަމަށެވެ. އެހެން ނަމަވެސް އެމެރިކާ ސިފައިން މި މަހުގެ ނިޔަލަން އަފްޣާނުން ބޭލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ގަސްދު ކުރެއްވުމާއެކު ތާލިބާނުންގެ އަޑުފައްގަނޑު ގަދަވާން ފެށި އެވެ.
ޕަނެޓާ ވިދާޅުވީ ތާލިބާނުންނަށް ޖާގަ ދިނުމަކީ އައިސިސްއަށް ފުރުސަތުދިނުން ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާ ސިފައިންނަށް އަފްޣާން ދޫކޮށް ނުފޭބިގެން އުޅެނިކޮށް އައިސިސްއިން އެވަނީ ޖާނު ގޮއްވަން ފަށާފައި ކަމަށެވެ. އަދި ވިދާޅުވީ އަފްޣާންގައި ރޭވުންތައް ރާވާ ޓެރަރިސްޓުންތައް މުލުން ލުހެލައިގެން ނޫން ގޮތަކަށް އަފްޣާން ސާފުނުކުރެވޭނެ ކަމަށެވެ.
އައިސިސް-ކޭ ގުރޫޕުން ކާބުލް އެއާޕޯޓަށް ޖާނުން ދިން ހަމަލާގައި އެމެރިކާ ސިފައިންގެ 13 މީހަކު ވަނީ މަރުވެފަ އެވެ.