ކާބުލްގެ އުތުރު އަވަށެއްގައި ހަރަކާތްތެރިވި ތާލިބާނުންގެ ވެހިކަލަކަށް ބޮމުގެ ހަމަލާއެއް ދީފި އެވެ. ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުން އެ ހަމަލާ ދިނީ އައިސިސްއާ ގުޅުން އޮންނަ ގުރޫޕަކުންނެވެ. ޝައްކު ކުރެވޭ ދެ މީހަކު ހައްޔަރު ކޮށްފައި ތިބި ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
އައިސިސްއަށް ވާގިވެރިވާ ގުރޫޕުތަކުން ތާލިބާނުންނަށް ހަމަލާ ދެމުން ގެންދަނީ އައިސިސްއާ ދެކޮޅަށް ތެދުވާނެ ކަމަށް ތާލިބާނުން ބުނެފައި ވަނިކޮށެވެ. ތާލިބާނުން ކުރިން ބުނި ގޮތުން ޓެރަރިސްޓުން ނެތް ތަނަކަށް އަފްޣާން ހަދާނެ އެވެ. އަދި އައިސިސްއަށް މަދަދުވެެރިވާ ކުދި ބޮޑު ގުރޫޕްތަކާ ދެކޮޅަށް ސަރުކާރު ތެދުވާނެ އެވެ.
ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުން އަފްޣާންގެ އަވަށްތަކުން އައިސިސްގެ އަސަރު އަދި ވެސް ފިލައި ނުދެ އެވެ. އައިސިސްއަށް އެހީތެރިވެ މައުލޫމާތު ފޯރު ކޮށްދޭ އާއިލާތައް އަފްޣާންގައި އެބަ ތިބި ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ތާލިބާނުންގެ ވެހިކލަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މީހުން ހޯދަން ކުރި މަސައްކަތުގައި ޓެރަރިސްޓުންގެ ބަޔަކު މަރުވި ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ބިރަކީ ބޭރު ގައުމުތަކުގެ އިންވެސްޓަރުންނަށް އަފްޣާން ހުޅުވާލުމުން އައިސިސް ޖަމާއަތުން ކޮށްފާނެ ކަމަކާ މެދު އެވެ.
ތާލިބާނުން އަބަދުވެސް ބުނަނީ އައިސިސްއަކީ އަފްޣާނަށް ބިރަކަށް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ތާލިބާނުން އަފްޣާން ހިންގަން ފެށުމުން މިހާރު ފެންނަމުން ދަނީ އެއާ ތަފާތު ފަންޒަރެކެވެ.
އަފްޣާންގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އައިސިސް ޖަމާއަތުން ދެމުން ގެންދާ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އަދި ކާބުލް އެއާޕޯޓަށް މިދާކަށް ދުވަހު ދިން ހަމަލާގެ ޒިންމާ ވެސް އޮތީ އެ ޖަމާއަތުން ނަގާފަ އެވެ.