އެމެރިކާ އާއި ތާލިބާނުން ގަތަރުގެ ވެރިރަށް ދޯހާގައި އެއްމޭޒު ދޮށުގައި މަޝްވަރާތައް ފަށައިފި އެވެ. މިއީ ތާލިބާނުން އޯގަސްޓް 15 ގައި އަފްޣާނަށް އަރައިގަތް ފަހުން އެމެރިކާ އާއެކު ސީދާސީދާ ބާއްވާ ފުރަތަމަ ބައްދަލު ވުމެވެ.
މަޝްވަރާ ބައްދަލު ވުމުގައި ތާލިބާނުންގެ ވަފުދުން އެންމެ ބޮޑަށް ބާރު އަޅައި އެދުނީ ގައުމުތަކުގައި ހިފަހައްޓާފައި ހުރި އަަފްޣާންގެ މުދާތައް ދޫކޮށްދިނުމަށެވެ. އެމެރިކާ ބާރުހިންގާ ބޭންކްތަކުގައި ހުރި ފައިސާތައް ދޫކޮށް ދިނުމަށް ވެސް ތާލިބާނުން އެދުނެވެ.
އަފްޣާންގެ ވައިގެ ސަރަހައްދަށް އެމެރިކާ ވަނުމަކީ އެދެވޭ ކަމެއް ނޫން ކަމަށް ތާލިބާނުން ބުންޏެވެ. އަދި އަފްޣާންގެ ދާޚިލީ އެއްވެސް ކަމެއްގެ ތެރެއަށް ވަދެ ގޮތްފޮތް ނުކިޔުމަށް ވެސް ތާލިބާނުން އެދުނެވެ.
ތާލިބާނުން ދެއްކި ވާހަކަތަކަށް އެމެރިކާއިން ދިން ރައްދަކީ އަފްޣާނަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ފޯރު ކޮށްދޭނެ ކަމަށެެވެ.
އަފްޣާން ފޮރިން މިނިސްޓްރީން ބުނި ގޮތުން އިންސާނީ އެހީތެރިކަން ފޯރު ކޮށްދެވޭ ވަރަށް ފައިސާ ދޫކުރާނެ ކަމަށް އެމެރިކާ ކުރިން އޮތީ އެއްބަސްވެފަ އެވެ.
އަފްޣާން އެކްޓިން ފޮރިން މިނިސްޓަރު އަމީރު ޚާން މުއްތަގީ ވިދާޅުވި ގޮތުން އީޔޫ އޮފިޝަލުންނާއި އެމެރިކާ އޮފިޝަލުން ހިމެނޭ ގޮތުން އިތުރު ބައްދަލުވުމެއް މިއަދު އޮންނާނެ އެވެ. އޭނާ އަދި ވިދާޅުވީ ތާލިބާނުން ވެރިކަމަށް އެމެރިކާއިން އަދި އެއްބަސް ނުވި ނަމަވެސް ހިސާބުކިތާބު ބެލެހެއްޓޭ ގޮތަށް ފައިސާ ދޫކޮށްދޭ މަޝްވަރާ މަޖިލީހުގައި އަދި ވެސް އެދޭނެ އެވެ.
ތާލިބާނުން އަފްޣާނަށް ވެރިވެގަތުމާ ގުޅިގެން ވޯލްޑް ބޭންކުންނާއި އިންޓަނޭޝަނަލް މަނީޓާރީ ފަންޑުން ވަނީ އަފްޣާނަށް ދޭން ހުރި އެހީތައް ހިފަހައްޓާފަ އެވެ. އަނެއްކޮޅުން އަފްޣާން ސެންޓްރަލް ބޭންކަށް ވަންނަން ޖެހޭ އެތައް ބިލިއަން ޑޮލަރެއް އެމެރިކާއިން ވެސް ހުރީ ހިފަހައްޓާފަ އެވެ.
އަފްޣާންގައި މުވައްޒަފުންނަށް މުސާރަ ނުދެވި ދިގު ލައިގެން ހިނގައްޖެ ނަމަ އިޖުތިމާއީ މައްސަލަތައް އަތްނުފޯރާ ފަށަށް ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅު ވެއެވެ.
ބޭންކްތަކުން ބުނާ ގޮތުން ދޫކުރާނެ ފައިސާއެއް ނެތެވެ. ބޭންކްތަކަށް ވަންނަން ހުރި ފައިސާތައް ހުރި ތަނެއްގައި ހުރީ ހަރުލާފަ އެވެ. އަފްޣާން ބޭންތަކުން އާންމުކޮށް ދޫކުރަނީ މަރުކަޒީ ބޭންކުން އެކި ބޭނުންތަކަށް ސަޕްލައިކުރާ ފައިސާ އެވެ.