އަފްޣާނިސްތާންގައި ތާލިބާނުން ވެރިކަން ކުރަން ފެށި ފަހުން އެމެރިކާ އާއެކު ބޭއްވި ފުރަތަމަ މަޝްވަރާ ބައްދަލުވުން ގަތަރުގެ ވެރިރަށް ދޯހާގައި ނިމިއްޖެ އެވެ. މި ބައްދަލުވުމުގައި ތާލިބާނުންގެ ފަވުދުން އެންމެ ބޮޑަށް ބާރު އެޅީ ބޭންކުތަކުގައި ހުރި އަފްޣާން ފައިސާތައް ދޫކޮށްދިނުމަށެވެ.
އެމެރިކާއިން ބުނެފައި އޮތީ އަފްޣާންގައި އިންސާނީ ކަރާމާތް ނުގެއްލޭ ވަރު ބަލައިގެން އެހީތެރިވާނެ ކަމަށެވެ. އިންސާނީ ހައްގުތައް ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވާ ވަސީލަތްތައް ފޯރު ކޮށްދޭނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ. އަދި ބުނީ ތާލިބާނުން ބަލައިގަތުމާ މެދު އޮތް ވިސްނުމަކީ ތާލިބާނުންގެ ބަހާ އަމަލާ ދިމާވުން ކަމަށެވެ.
އެސޯސިއޭޓް ޕްރެސް ބުނާ ގޮތުން މަޝްވަރާތައް ދިޔަ ގޮތާ މެދު ތާލިބާނުން ތިބީ ހެވިފަ އެވެ. މާބޮޑު ކަންބޮޑުވުމެއް ނެތެވެ. ތާލިބާން އޮފިޝަލަކާ ހަވާލާދީ ނޫސް އެޖޭންސީން ބުނާ ގޮތުން އެމެރިކާއިން ތާލިބާނުން ބަލައި ނުގަތެއް ކަމަކު ބޭނުންވާ އެހީތައް ފޯރު ކޮށްދޭނެ އެވެ. އެމެރިކާ އޮތީ އެކަމަށް އެއްބަސްވެފަ އެވެ.
ތާލިބާނުންނާ މެދު އެމެރިކާއާ ޔޫރަޕަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހައްގުތައް ހިފެހެއްޓުމެވެ. އަންހެނުން ގެއިން ނުކުތަ ނުނިދުމާއި ކިޔެވުމަށް ފުރުސަތު ނުދިނުމެވެ.