ދުނިޔެ

އަފްޣާން ކަނބަލުންނަށް އެމެރިކާއިން ސަފީރެއް ކަނޑައަޅައިފި

އަފްޣާން ކަނބަލުންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް އެމެރިކާއިން ސަފީރެއް ގޮތުގައި ރީނާ އަމިރީ ކަނޑައަޅައިފި އެވެ. އޭނާއަށް ސަފިރުކަން ހަވާލު ކުރެއްވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އެވެ.

ރީނާ އަމިރީއަކީ އަފްޣާނިސްތާނަށް އުފަން އެމެރިކާ ރައްޔިތެކެވެ. އޭނާ ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގައި، ބާރަކް އޮބާމާގެ ސަރުކާރުގައި މަސައްކަތް ކުރައްވާފަ އެވެ.

ސަފީރުގެ މަސައްކަތަކަށް ވާނީ އަފްޣާންގައި ކަނބަލުންގެ ހައްގުތައް ކަށަވަރު ކުރުމެވެ. އަންހެން ކުދިންނަށް ތައުލީމް ދިނުމާއި ސިއްހަތާއި އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ވާކާލާތު ކުރުމެވެ.

ރީނާ އަމީރީއަށް މަސްއޫލިއްޔަތު ހަވާލު ކުރައްވަމުން ބްލިންކެން ވިދާޅުވި ގޮތުގައި އަފްޣާންގައި އަމީރީ އަދާ ކުރައްވާނީ ބައިޑަން ސަރުކާރުން ކަންބޮޑުވާ ކަންތައްތަކާ ގުޅުން ހުރި މަސައްކަތްތަކެެވެ.

އެމެރިކާގެ މުށުގައި އަފްޣާން 20 އަހަރު އޮތްއިރު ވެސް ބްލިންކެން އެ ވިދާޅުވި ގޮތުން ނަމަ އެމެރިކާގެ އެޖެންޑާ އަފްޣާންގައި އަދިވެސް ކަށަވަރު ނުކުރެވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަފްޣާނަށް އަތްގަދަ ކޮށްގެން އެމެރިކާ ހޭދަކުރި 20 އަހަރު ތެރޭގައި އަފްޣާންގެ އިގުތިސޯދު ކޮޅަށް ޖަހައި ގައުމެއްގެ ސިފަ ގެނައުމަށް އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ.

އަފްޣާނުން ބޭރު ގައުމުތަކުގެ ފައުޖުތައް ފައިބައިގެން ދިޔައިރު އޮތީ ކުރިން އޮތް ހާލަތަށް ވުރެ ވެސް ހާލު ދެރަކޮށެވެ.

އަފްޣާންގައި ތާލިބާނުން ވެރިކަން ކުރަން ފެށުމާއެކު ގައުމުގެ އިގްތިސޯދު މުޅިން ކަހަލަ ގޮތަކަށް އޮތީ ވެއްޓިފަ އެވެ. ދުނިޔޭގެ މާލީ އިދާރާތަކުން އަފްޣާނަށް އެއްވެސް އެހިތެރިކަމެއ ފޯރުކޮށްދޭކަށް ބޭނުމެއް ނުވެ އެވެ. އަނެއްކޮޅުން އެމެރިކާއިން ހިފަހައްޓާފައި ހުރި އަފްޣާން ފައިސާތައް ވެސް ހުރިގޮތަށް ހުރީ އެވެ.